"ހިޔާ މަޝްރޫއު"ގެ ދަށުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ގުޅިފައި ނެތް މީހުންގެ ނަންތައް ރައީސް އޮފީހުން އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ގޮތުގައި "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތްތައް ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ނަން ހާމަ ކުރަން ނިންމީ ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަންބަރުން ނުގުޅޭތީ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓަށް އެދި H4، H5، H6، H8 އަދި H10 ކެޓަގަރީން ފޯމު ހުށަހެޅި މީހުންގެ ތެރެއިން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދިން ނަންބަރަށް ނުގުޅުނު މީހުންގެ ނަން މިހާރު ގެޒެޓުކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތް އެއްކޮށް ނިމިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ މަސައްކަތް ނިމުމުން އެ ދެ ކެޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ނުގުޅޭ މީހުންގެ ނަންތައްވެސް އާންމު ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނަން އާންމު ކުރި މީހުންގެ ލިސްޓު، https://www.gazette.gov.mv/iulaan/view/131198 މި ލިންކާއެކު އެޓޭޗް ކުރެވިފައިވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން ބުނީ މި މީހުންގެ ނަންތައް އާންމު ކުރި ނަމަވެސް މިއީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު ނޫން ކަމަށެވެ. އަދި މި ލިސްޓުގައި ހިމެނޭ މީހުން އަންނަ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރުމަށް ފްލެޓް މައްސަލަ ބަލާ ކޮމިޓީން އެދޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.