ގާނޫނުތަކާއި ގަވާއިދު ތަކާއި ހިލާފަށް އެސޯސިއޭޝަންތަކުން ކަންކަން ކުރަމުންދާއިރު، ޒިންމާ އަދާ ނުކުރާނަމަ ޔޫތު މިނިސްޓަރެއް ހުރުމުގެ ބޭނުމެއް ނެތް ކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ގެނެސްދިން ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ފުޓުބޯޅަ އެސޯސިއޭޝަން 2016 އިން 2019 އަށް ހިންގަމުން ދިޔައީ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާ އަދި ރާއްޖޭގެ ކުޅިވަރު ގާނޫނުތަކާއި ހިލާފަށް ކަމަށާއި އެހެން ކަމަށް ވާނަމަ ވާނަމަ ނުވަތަ ގާނޫނު އޮންނަ ގޮތަށް ކަންކަން ނުކުރެވެނީ ކަމަށް ވާނަމަ ކުޅިވަރާ ބެހޭ ވަޒީރު އެކަމާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
"ގާނޫނު އޮންނަ ގޮތަށް ކަންކަން ނުކުރެވެނީ ކަމަށް ވާނަމަ އަޅުގަނޑުގެ ވާހަކައަކީ އެބަޖެހޭ ކުޅިވަރާ ބެހޭ ވަޒީރު މިކަމާ ދޭތެރޭ ފުންކޮށް ވިސްނަން، ކީއްވެތޯ ތިމަންނައަށް މިކަން ނުކުރެވިގެން މިއުޅެނީ ތިމަންނަގެ އެކެޕޭސިޓީ ނެތީތޯ؟ ތިމަންނަގެ ކައިރީގައި ތިބި މީހުންގެ ކެޕޭސިޓީ ނެތީމަތޯ މިކަން ނުވެގެން މިއުޅެނީ. ނޫނިއްޔާމުން ތިމަންނައަށް ހަމަ ނޭނގެނީތޯ؟ މީ އަމިއްލައަށް ކޮށްލަން ހުރި ބައިވަރު ސުވާލު. އެހެންވީމަ ގާނޫނާއި އެއްގޮތަށް ނުކުރަންޏާ ކީއްކުރާ ވަޒީރެއް؟ މި ދައުލަތް މިސަރުކާރު ހިންގަން ތިބި ވަޒީރުންގެ ވާހަކަ އަޅުގަނޑު މިދައްކަނީ. ކްލަބު ޖަމިއްޔާ ޖަމާއަތްތައް، އެސޯސިއޭޝަންތައް އެގޮތަށް އަމަލު ނުކުރަންޏާ ދެން ވަޒީރެއް އިނުމުގެ ބޭނުމެއް ނެތް." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުޅިވަރުގެ ގާނޫނެއް 2015 ވަނަ އަހަރު ވުޖޫދަށް އައުމާއިއެކު އެގާނޫނުގައި ސާފުކޮށް ކަނޑައެޅިގެން ކުލަބުތައް، ޖަމިއްޔާތައް، އެސޯސިއޭޝަންތައް ދިވެހިރާއްޖޭގައި ހިންގަންވީ ގޮތުގެ ވާހަކަ ލިޔެފައިވާ ކަމަށެވެ. އެހެންކަމުން އެ ލިޔެވިފައި އޮންނަ ގޮތާއި ހިލާފަށް އެއްވެސް ބަޔަކަށް އޭގެން ބޭރެއް ނުވެވޭނެ ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ފުޓުބޯޅަ އެސޯސިއޭޝަނުން ރާއްޖޭގެ ގާނޫނާއި އެ އެސޯސިއޭޝަނުގެ ހިންގާގަވާއިދުން ބޭރުން އިންތިހާބެއް ބާއްވާފައި ވަރަށް ފޮނިވެފައި އެވާހަކަ ބުނުމުނުމަކީ ހަގީގަތުގައި ދިވެހި ސަރުކާރަށް ގޮންޖެހުން ކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާގޮތުގައި މި މައްސަލައިގައި ކުޅިވަރާއި ބެހޭ ވަޒީރާއި ރައްޔިތުންގެ މަޖިލީހާއި އަދި ދެންވެސް ސަރުކާރު ހިންގަން ތިބޭ ހުރިހާ ފަރާތްތައް، ފުލުސް އޮފީސް ފަދަ ތަންފީޒުކުރަން ތިބޭ ފަރާތްތައް ކަންބޮޑުވާން ޖެހޭނެ ކަމަށެވެ. އަދި ގާނޫނެއް ހެދިފައި އޮއްވައި އެގާނޫނަށް ގޮންޖެހާފައި ވަކި ބައެއްގެ ގޮތުގައި ސަރުކާރާއި ނުބެހޭ ބައެއްގެ ގޮތުގައި ކަންކަން ހިންގަން ފުރުސަތު ދެވިގެންނުވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ކުޅިވަރު ގާނޫނުގެ ހުރިހާ ޒިންމާއެއް އެޅިފައި އޮތް ފަރާތަކީ ކުޅިވަރުގެ ވުޒާރާ ކަމަށާއި އަދި އެވުޒާރާގެ ދަށުން ވެސް ކޮމިޝަނާ އޮފް ސްޕޯޓްސް ކިޔާ ބޭފުޅެއް އައްޔަން ކޮށްފައި ހުންނަ ކަމަށެވެ. އެހެން ކަމުން އެމީހަކު ޒިންމާ ވާން ޖެހޭ ހުރިހާ ކްލަބު ޖަމިއްޔާ ޖަމާއަތްތައް، އެސޯސިއޭޝަންތައް އަމަލުކުރަނީ ގާނޫނާއި އެއްގޮތަށްތޯ އެމީހުންގެ ހިންގާ ގަވާއިދާއި އެއްގޮތަށްތޯ އަދި ރާއްޖޭގައި ހެދިފައި ހުރި ގަވާއިދާއި އެއްގޮތަށްތޯ ބަލައި އެގޮތަށް އަމަލު ނުކުރާކަމަށް ވަނީ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އާޒިމް މިހެން ވިދާޅުވެފައި މިވަނީ އެފްއޭއެމް އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާއި ގުޅޭގޮތުން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމައްސަލަ ކުރިއަށްދާތީ ޔޫތު މިނިސްޓްރީން ވަނީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެދިފައެވެ. ނަމަވެސް އެފްއޭއެމް އިން ވަނީ އެ އިންތިހާބު ބާއްވައި ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު