ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ މުއައްޒަފުން މުޒާހަރާ ކުރަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "އެމްވީ ކްރައިސިސް"ގައި ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ އެކުންފުނިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ޕޮލިސް ކަމިޝަނަރު މުޙައްމަދު ހަމީދަށް އެޑްރެސްކޮށް އާރުސީސީން ފޮނުވި ސިޓީގައި ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ވޯކް ވިސާ ކާޑު ހެދުމަށް ބޭނުންވާ ފޮޓޯ ނަގަން މާފަންނުގައި ހުންނަ ފޮޓޯ ފްރެންޑް ސްޓޫޑިއޯ ބޭރު މަގުމަތީގައި ކިއުގައި ތިބި މަންޒަރު ފޮޓޯ ނެގުމަށްފަހު އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭ ގޮތަށް ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާ ކަމަށްބުނެ ދޮގު މައުލޫމާތު އެމްވީ ކްރައިސިސް އިން މިރޭ ފަތުރާފައިވާ ކަމަށެވެ.

"މި މައްސަލައަކީ މިކުންފުނި ބަދުނާމުވާގޮތަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް އެމްވީ ކްރައިސިސް އިން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލަކަށްވާތީ އެމައްސަލަ ތިޔަ ސާވިސަސް އިން ބައްލަވައިދެއްވުން އެދި ހުށަހަޅަން،" ސިޓީގައިވެއެވެ.

އެމްވީ ކްރައިސިސްއާ ދެކޮޅަށް ދައުވާކުރުމަށް އެ ކުންފުނިން ބޭނުންވާތީ އެ މައްސަލަ ބަލައިދިނުން އެދޭ ކަމަށްވެސް ސިޓީގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އާރުސީސީގެ ޗެއާމަން ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ އެމްވީ ކްރައިސިސް އިން ނޫސްވެރިކަމުގެ މިނިވަންކަމޭ ބުނެ ހިންގާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ފޭކް ނިއުސްއަށް ރާއްޖޭގައި ޖާގައެއްނެތް،" ނާޒިމް ވިދާޅުވިއެވެ.

އެމްވީ ކްރައިސިސް އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ކާނަލް ނާޒިމްގެ އާރުސީސީގެ މުވައްޒަފުން ވެސް މިރޭ މުޒާހަރާ ކޮށްފައިވާ ކަމަށެވެ. އެ ޕޯސްޓުގައި އާރުސީސީގެ ބިދޭސީންތަކެއް ލައިނަކަށް ކިއު ހަދައިގެން ތިބި މަންޒަރު ފެންނަ ފޮޓޯއެއް ހިމަނާފައިވެއެވެ.