ކޮވިޑަކީ އެއާބޯން ބައްޔެއް ނަމަ މާބޮޑަށް ވެސް ހަލުވިކަމާއެކު ބަލި ފެތުރޭނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ. އަފްޒަލް މިހެން ވިދާޅުވެފައިވާއިރު ފަހުގެ ހޯދުންތަކުގެ އަލީގައި ބައެއް ސައިންސްވެރިން އަންނަނީ ކޮވިޑް 19 އަކީ ވައިގެ ޒަރީއާއިންވެސް ފެތުރިދާނެ ބައްޔެއް ކަމަށް ބުނަމުންނެވެ.
ކޮވިޑަކީ އެއާބޯން ބައްޔެއް ނަމަ މާބޮޑަށް ވެސް ހަލުވިކަމާއެކު ބަލި ފެތުރޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"އެއާބޯން ބައްޔެއް ކަމުގައިވާ ނަމަ މިހާރު މި ފެންނަ ވަރަށް ވުރެ ހަލުވި ކަމާއެކު ކޭސަސް ފެންނާނެ ކަމަށް މި ލަފާކުރެވެނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ބައެއް ހޯދުންތަކުގައި ކޮވިޑަކީ އެއާބޯން ބައްޔެއް ކަމަށް ބުނި ނަމަވެސް އެ ހޯދުންތަކުގެ ކޮލެޓީއަށްވެސް ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން ވަކި ކަހަލަގެ ހާލަތްތަކުގައި ކޮވިޑަކީ އެއާބޯން ބައްޔަކަށްވި ނަމަވެސް ކޮވިޑަކީ އާންމު ގޮތެއްގައި ވައިގެ ޒަރީއާއިން ފެތުރޭ ބައްޔެއް ކަމަށް ނުނިންމޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"މީހަކު ވެންޓިލޭޓަރަށް ލާއިރުގައި ފަހަރުގައި ވައިރަސް އެއާބޯން ވެދާނެ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑަކީ އެއާބޯން ބައްޔެއްކަން ސައިންޓިފިކަލީ ހޯދިފައި ނުވާ ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިންވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު