އައިޖީއެމްއެޗްގެ އެކްސްޓްރެކްޝަން މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން ނަތީޖާތައް ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އައިޖީއެމްއެޗު ހޮސްޕިޓަލުގެ އެކްސްޓްރޭކްޝަން މެޝިނަށް ދިމާވި މައްސަލައަކާ ގުޅިގެން ޓެސްޓުތަކުގެ ނަތީޖާ ނުލިބި ލަސްތައްކެއްވި ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް އެހެން ލެބޯޓަރީތަކަށް ސާމްޕަލްތައް ފޮނުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ބެކްލޮކް ކްލިއާ ކުރުމަށް 200 ސާމްޕަލް ވަނީ ޕޮލިސް ލެބަށްވެސް ގެންދެވިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އައިޖީއެމްއެޗަށް އިތުރު އެކްސްޓޭކްޝަން މެޝިނަކާއި އެކްސްޓްރޭކްޝަން ކިޓްތައްވެސް ގެނެވިފައިވާ ކަމަށާއި އެހެންކަމުން ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވާ ލަސްވުމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑަށް ޓެސްޓު ކުރެވޭ އިތުރު މެޝިންތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

އެޗްއީއޯސީން ބުނީ، ރާއްޖޭގައި މިހާރު ދުވާލަކަށް 1،000 ޓެސްޓުގެ ނަތީޖާ ލިބޭނެ ކަމަށެވެ.