Close
ކުއްލި ޚަބަރު

ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ގިނަވެއްޖެ ކަމަށް ބުނަން އަދި މާ އަވަސް: ޑރ. ނަޒްލާ

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ގިނަވެއްޖެ ކަމަށް ބުނަން އަދި މާ އަވަސް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެއް ދުވަހު ނޫނީ ދެ ދުވަހު ކޭސްތަކުގެ އަދަދު މައްޗަށް ދާ ދިއުމަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ގިނަވެއްޖެ ކަމަށް ބުނަން ނޭނގޭނެ ކަމަށެވެ.

"އިއްޔެއާއި އޭގެ ކުރީ ދުވަހާ ތަންކޮޅެއް މައްޗަށް އަދަދު ދިޔަ ކަމުގައިވިޔަސް، އެއް ދުވަހު ނޫނީ ދެ ދުވަހު މައްޗަށް ދާ ދިއުމަކުން އަޅުގަނޑުމެންނަކަށް އަދި ޓްރެންޑެއް ރަނގަޅަކަށް ނޭނގޭނެ ބުނާކަށް. ވީކްލީކޮށް ނޫނީ ރޯލިން އެވަރެޖެއް އަޅުގަނޑުމެން ބަލައިލަން ޖެހޭނީ. އެއަށް ބޭސްކޮށްފައި ކޭސްތައް އިތުރުވޭތޯ ނޫންތޯ ބަލަންޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގިނަ ލުއިތަކެއް ދީފައިވާނީ ވަކި ގޮތްތަކަކަށް އަމަލުތައް ބެހެއްޓުމަށް ކަމަށާއި އެގޮތަށް އަމަލުތައް ނުބެހެއްޓިއްޖެ ނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ. އަދި މިހާރު ކޮވިޑަށް ޕޮޒިޓިވްވާ ބައެއް މީހުން އާންމު ދިރިއުޅުމުގައި އުޅޭ ގޮތަށް އުޅެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު މި ފެންނަ ބައެއް ޕޮޒިޓިވް ކޭސްތަކުގައި ދިހަ ވަރަކަށް މީހުންނާއެކު ކުޅެން ގޮސް، ކުޅެ ނިމުމަށްފަހު އަނެއްކާ ކޮފީއަށް ގޮސް، މިގޮތަށް ވެސް އެބަހުރި ބައެއް ބޭފުޅުން، އާންމުކޮށް ވެސް ދިރިއުޅުމުގައި އުޅޭ ގޮތަށް އުޅެފައި. އެހެންވީމާ ވަރަށް ބައިވަރު މީހުން ކޮންޓެކްޓުންނަށް އެބަވޭ." އޭނާ ވިދާޅުވިއެވެ.