މާލެއިން ރަށްރަށަށް އާންމުކޮށް ދަތުރުކޮށް އުޅުމުގެ ހުއްދަ ދެވޭނެ ދުވަހެއް ނޭނގޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން"ގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ރަށްރަށަށް އާންމުކޮށް ދަތުރުކޮށް އުޅުމުގެ ހުއްދަދިނުމަށް ނިންމޭނީ ހަމައެކަނި ފެންނަ ކޭސްތަކުގެ އަދަދަށް ބަލައިގެން ނޫން ކަމަށާއި އެ ހުއްދަދެވޭނީ މާލޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރެވިގެން ކަމަށެވެ.

"އެ ޑިޕެންޑު ވަނީ ހަމައެކަނި ފެންނަ ކޭސްތަކުގެ އަދަދަކަށް ނޫން. އެ ފެންނަ ހުރިހާ ކޭސްއަކީ ހަމައެކަނި ކޮންޓެކްޓުންގެ ތެރެއިން ފެންނަ ކޭސް ކަމަށްވަންޏާ ވެސް އަޅުގަނޑުމެންނަށް ބެލިދާނެ އައުޓްބްރޭކް އަޅުގަނޑުމެންގެ ތެރޭގައި ކޮންޓްރޯލް ވެފައި ކަމަށް އޮތީ. އެހެންވީމާ މާލޭގެ އައުޓްބްރޭކް އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވުނީމަ އެ ހުއްދަ ދެވޭނީ. ސީދާ ވަކި މިވެނި އަދަދަކަށް، މިސާލަކަށް ފަސް މީހުންނަށްވުރެ ގިނައިން ނުފެންނަންޏާއޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ، އެމީހުންނަކީ ވެސް ކޮންޓެކްޓުންގެ ތެރެއިން ފެންނަ މީހުން ކަމަށްވަންޏާ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބެލެވިދާނެ ކަމަށާއި ނަމަވެސް އެ ހާލަތަށް އަދި ނުދާ ކަމަށެވެ.

މާލޭގެ ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ނަމަވެސް، މާލެއިން ބަލި ނެތް ރަށްރަށަށް ދަތުރުކުރަން ޖެހޭ އުސޫލަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެ ހުއްދައާއެކު ރަށްރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު ވެސް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް މިހާރު ހުއްދައަކާ ނުލައި ބަލި ނެތް ރަށްރަށުން މާލެ އާދެވެއެވެ.