ކޮވިޑް 19އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ތެރެއިން ގުޅުން ނެތް ކޭސްތައް މިހާރު ގިނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކަށް ނިސްބަތް ނުވާ މީހުން ގިނަ ކަމަށެވެ.

"ނޮން ލިންކް ކޭސްތައް ނުވަތަ އިންޑިޕެންޑެންޓް ކޭސްތައް. މީގެ އަދަދުތައް ވަކިން އަޅުގަނޑުމެން އެނަލައިޒްކޮށް ބަލައިލީމާ ފެންވަރެއްގައި ފެންނަ ކޭސަސްއާ އަޅާ ބަލާއިރު ނޮން ލިންކް ކޭސްތަކުގެ ނިސްބަތް ޖޫންގެ ފަހުކޮޅުން ފެށިގެން ޖުލައިގެ މިހާތަނަށް ގާތްގަނޑަކަށް 30 ޕަސަންޓާއި 40 ޕަސަންޓާ ދެމެދުގެ އަދަދެއްގައި ހިފެހެއްޓިފައި މިހުރީ. މި ބަލައިލާއިރު ތަންކޮޅެއް ގިނަ ކަމަށް މި ފެންނަނީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުނުވެ، އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ މީހުން އިތުރުވި ނަމަވެސް އެއީ މާ ބޮޑަށް ހާސްވެ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ކްލަސްޓާއަކަށް ނިސްބަތް ނުވާ ކޭސްތައް ގިނަވުމަކީ މުޖުތަމައުގެ ތެރޭގައި ނޭނގި ބަލި ޖެހި ފެތުރޭ ކަމުގެ އަލާމާތެއް ކަމަށާއި އެހެންކަމުން ބަލި ޖެހިފައިވާ ބަޔަކު މުޖުތަމައުގެ ތެރޭގައި ފާހަގަނުކުރެވި ތިބެދާނެ ކަމަށެވެ.