ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި އެމީހުން މިއަދު ވެސް މުޒާހަރާ ކޮށްފިއެވެ.
ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓްސް އިންނެވެ. އެކުންފުނީގެ މަސައްކަތު މީހުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ މީހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު، ކޮންސްޓްރަކްޝަން ސައިޓު ތެރޭގައި ތިބެގެން މުޒާހަރާ ކޮށްފައެވެ.
ނަމަވެސް މިއަދު އެތަނުގައި މަސައްކަތްކުރާ ބިދޭސީން ވަނީ ހުޅުމަލޭގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. އަދި ހުޅުމާލޭގައި ހުންނަ އައިލެންޑް އެކްސްޕާޓްސްގެ އޮފީސް ކުރިމައްޗަށް ވެސް އެމީހުން ގޮސްފައިވެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ބިދޭސީންތަކެއް މިއަދު 12:00 ހާއިރު އިހުތިޖާޖު ކޮށްފައިވަނީ އެމީހުން މަސައްކަތްކުރާ ކުންފުނީގެ އޮފީސް ކައިރީގައި ކަމަށެވެ. އަދި އެ ސަރަހައްދަށް ގޮސް ބިދޭސީންނާ ވާހަކަދެއްކުމުން އެމީހުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިހެން ބުނި ނަމަވެސް، އެ މީހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުން ހިނގި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދީގެން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މުޒާހަރާކުރާ މައްސަލަތައް ވަނީ ބޮޑުވެފައެވެ.
އެގޮތުން މިދިޔަ މަހު ތިލަފުށީގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މުސާރަ ނުދީގެން މުޒާހަރާ ކޮށްފައިވާއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ހަތަރު މަހަށްވުރެ ގިނަ ދުވަހު މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި އެމީހުން ރުޅިގަދަވެ، އިހްތިޖާޖު ކޮށްފައިވެއެވެ.
އެ އިހްތިޖާޖުގައި ރަށުގެ އެކި ތަންތަނަށާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ދިންއިރު ރަށުގައި މަސައްކަތްކުރާ 13 ދިވެއްސަކު ވެސް ރަހީނުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު