ކ. ކާށިދޫން ފުރި ބޯޓެއް އިންޖީނު ހުއްޓިގެން އަޑިޔަށް ގޮސް، އެ ބޯޓުގައި ތިބި ހަ މީހަކު ކަނޑުވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ހަ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު 12:29ގައި ރިޕޯޓްކުރި އެ ހާދިސާގައި އަޑިޔަށް ގޮސްފައިވަނީ ހަ މީހުންނާއެކު ކާށިދޫން ފުރައިގެން ދޮނަކުޅިއަށް ދަތުރުކުރި "ފަތޮޅު" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

އެ އެބޯޓު އަޑިޔަށް ދިޔައީ ކާށިދޫގެ އުތުރުން ނުވަ މޭލު ބޭރަށް އިންޖީނު ހުއްޓި، އެއް ފަރާތަށް އަރި އަޅާލައިގެން ކަމަށާއި ބޯޓުގައި ތިބި މީހުން ހޯދުމަށް ސީ ޕްލޭންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ކަނޑުވި މީހުން އަދި ފެނިފައި ނުވާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ލޯންޗު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ދާދި ދެންމެ ބުނީ ކަނޑުވި ހުރިހާ މީހުންވެސް މިހާރު ފެނިއްޖެ ކަމަށާއި އެއީ ހަތަރު ދިވެހީންނާއި އެއް ބިދޭސީ ކަމަށެވެ. ހަ މީހުން ކަމަށް ކުރީން ބުނެވުނީ ލިބުނު މައުލޫމާތުގެ ކުށެއްގެ ސަބަބުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.