ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެންނަ އިސްލާހާއެކު އަންނަ އަހަރު، ޑިއުޓީގެ އާމްދަނީގެ ގޮތުގައި 2.28 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ރައްޔތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަތް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މުޅި މަޖިލީހުގެ ކޮމިޓީގައި ބިލު ދިރާސާ ކުރުމުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށެވެ. އަދި މާދަމާއާއި އޭގެ އަނެއް ދުވާހާ އެކު މަސައްކަތް ކުރިޔަށް ގެންދަވައި، އުއްމީދަކީ މި ހަފްތާގައި ބިލު މަޖިލީހުން ފާސްކުރުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތަކުގެ ޑިއުޓީ 200 ފަސެންޓަށް ބޮޑުކޮށް، ކިޔެވުމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ ކަނޑާލައި ބައެއް ތަކެތީގެ ޑިއުޓީ ކުޑަކުރަން މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަމަށް ބޭނުންކުރާ އޮޑި ދޯނި ފަހަރާއި ބޯޓު ބަނުމާއި އިމާރާތްކުރުމާއި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށްވެސް ބިލުގައި ހުށަހަޅާފައި ވެއެވެ.

އެއްގަމު އުޅަނދުފަހަރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށްތަކެއްގައި ބޭނުންކުރާ ހާލަތުގައި އެ އުޅަނދުފަހަރަށް ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީ މާފުކުރެވޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، އިމްޕޯޓް ޑިއުޓީ ދެއްކުމަކާ ނުލައި ވަގުތީ ގޮތުން އެތެރެކުރުމުގެ ހުއްދަ ދެމުން އައި އުޅަނދުފަހަރު އެތެރެކުރުން ހުއްޓާލައި، ވަކި ތާރީހެއްގެ ފަހުން އެފަދަ އުޅަނދުތަކުން އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ ގޮތަށް ކަނޑައެޅުންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ފަސިންޖަރުން އުފުލަން ހާއްސަކޮށްގެން ދުއްވާ އެއްގަމު އުޅަނދު ތަކުގެ ތެރެއިން ކާރު ޖީޕް އަދި ވޭންގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ނުކުޅެދޭ މީހުން ދުއްވާ އިންޖީނުލީ ތަކެއްޗާއި، އެތަކެތީގެ އިންޖީނާއި އޭގެ ބައިތަކުން މިހާރު ނަގަމުން އަންނަ ފަސް ޕަސެންޓްގެ ޑިއުޓީ ސުން ޕަސެންޓަށް ހަމަޖެއްސުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ. ބޭބީކެރިއާ އާއި ބައިސްކަލާއި އޭގެ ބައިތަކުން ޑިއުޓީ ސުންޕަސެންޓަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެެ.

ބިލުުގައި ބުނާގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނުގެ ދަށުން އެކްސްޕޯޓް ލައިސަންސްއާއި އިމްޕޯޓް ލައިސަންސަށް، ލައިސަންސް ދޫކުރެވޭ އަދަދުގެ ކޮންމެ 100 ރުފިޔާއަކަށް 10 ލާރީގެ މަގުން ޖަހަމުން އައި ރެވެނިޔު ސްޓޭމްޕް ޖެހުން ނިމުމަކަށް އަންނާނެއެވެ. އަދި މިގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭ އަދަދުގެ ކޮންމެ 100 ރުފިޔާއަކުން 1 ރުފިޔާގެ ރެވެނިއު ފީއެއް ދައްކާގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މި ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން އެތެރެކޮށްފައިވާ އުޅަނދުފަހަރު، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ބޭނުން ކުރެވޭނީ، އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރިއިރު އެ އެއްޗެއް ބޭނުންކުރަން ހުއްދަކޮށްފައިވާ ތާރީހުގެ ނިޔަލަށް ނުވަތަ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ.

އެ ތާރީހުގެ ފަހުން އެފަދަ އުޅަނދެއް ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ، އެފަދަ އުޅަނދުތަކަށް ކަނޑައެޅިފައިވާ ޑިއުޓީ ދެއްކުމަށްފަހުގައެވެ.

މި ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ ތަކެތީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެއްކަމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.