ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓުތައް އިއުލާންކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫއުގެ މައުލޫމާތު ދިނުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއަށް އެދި 25243 ފޯމެއް ހުށަހަޅާފައިވާއިރު މި ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީން އެ ހުރިހާ ފޯމެއް ބަލައި މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން 21000 ފޯމެއް ބަލައި ނިމިފައިވާއިރު 3343 ފޯމެއް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ފްލެޓް ކޮމިޓީގެ މަސައްކަތްތައް މަޑުޖެހިފައި އޮތް ނަމަވެސް މަސައްކަތް އަލުން ފަށައި، މި މަހުގެ ފަހުކޮޅުން ފެށިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރަން ފަށާނެ ކަމަށެވެ.
"ކޮމިޓީން އަޅުގަނޑު ކައިރީގައި އެބަ ވިދާޅުވޭ ޖުލައި މަސް ނިމޭތަނުން ފެށިގެން ފްލެޓްތައް ލިބޭ ފަރާތްތައް ކެޓަގަރީތައް ވަކިވަކިން، މަސައްކަތް ނިމިފައިހުރި ކެޓަގަރީއެއް ވެއްޖެއްޔާ އިއުލާން ކުރައްވަން ފައްޓަވާނަމޭ. މުޅި މަސައްކަތް އެކީގައި ހުރިހާ ކެޓަގަރީއެއް 6720 ފްލެޓަށް އެލިޖަބަލްވާ މީހުންގެ ލިސްޓު އެކީގައި އިއުލާންކޮށް ނިމޭނީ ސެޕްޓެމްބަރު މަހާ ހިސާބަށް ކަމަށް،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
ހިޔާ މަޝްރޫގެ ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ކުރީ ސަރުކާރުން އާންމުކުރި ނަމަވެސް އެ މައްސަލަ ބަލަން މި ސަރުކާރުން ފްލެޓް ކޮމިޓީއެއް އެކުލަވާލީ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތުތަކާ އެކުއެވެ.
ހިޔާ މަޝްރޫއުގެ ދަށުން، 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން ދެ ކޮޓަރީގެ ފްލެޓްތަކަކާއި މާލޭ ރަށްވެރހިންނަށް ހާއްސަ ދެ ކޮޓަރީގެ ފްލެޓްތަކަކާއި ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ހާއްސަ ދެ ކޮޓަރީގެ ފްލެޓްތަކަކާއި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ދެ ކޮޓަރީގެ ފްލެޓްތަކެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ދެ ކޮޓަރީގެ ފްލެޓްތަކަކާއި ޓީޗަރުން އަދި ޑޮކްޓަރުންނަށް ހާއްސަ ފްލެޓްތަކެއް ވެސް ދޫކުރަން ނިންމިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު