ކުއްލި ޚަބަރު

ހިޔާ މަޝްރޫއުގެ ދިރިއުޅުމުގެ ކަންކަން ދިރާސާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދޭ: އަސްލަމް

ހިޔާ މަޝްރޫއުގެ ދިރިއުޅުމުގެ ކަންކަން ދިރާސާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއަށް ހުޅުވާލުމުން 25،000 އަށް ވުރެ ގިނަ މީހުން ފޯމުލިއިރު އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ކުރީ ސަރުކާރުން ވަނީ އާންމުކޮށްފައެވެ. ނަމަވެސް އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތުތަކާއެކު އެ މައްސަލަތައް ބަލަން މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއަށް އެދި 25243 ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ. އެ އެންމެންގެ ފޯމުތައް ބަލައި މައުލޫމާތު ސާފުކުރަމުން އަންނައިރު އޭގެ ތެރެއިން 21000 ފޯމެއް ބަލައި ނިމިފައިވާއިރު 3343 ފޯމެއް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ފްލެޓް ކޮމިޓީގެ މަސައްކަތްތައް މަޑުޖެހިފައި އޮތް ނަމަވެސް މަސައްކަތް އަނބުރާ ފެށިގެން ކުރިއަށް އެބަދާ ކަމަށެވެ. އަދި ޖުލައި މަސް ނިމޭހާތަނުން ފެށިގެން ފްލެޓް ލިބޭ މީހުން އިއުލާން ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

"ކޮމިޓީން އަޅުގަނޑު ކައިރީގައި އެބަ ވިދާޅުވޭ ޖުލައި މަސް ނިމޭތަނުން ފެށިގެން ފްލެޓްތައް ލިބޭ ފަރާތްތައް ކެޓަގަރީތައް ވަކިވަކިން، މަސައްކަތް ނިމިފައިހުރި ކެޓަގަރީއެއް ވެއްޖެއްޔާ އިއުލާން ކުރައްވަން ފައްޓަވާނަމޭ. މުޅި މަސައްކަތް އެކީގައި ހުރިހާ ކެޓަގަރީއެއް 6720 ފްލެޓަށް އެލިޖަބަލްވާ މީހުންގެ ލިސްޓު އެކީގައި އިއުލާންކޮށް ނިމޭނީ ސެޕްޓެމްބަރު މަހާ ހިސާބަށް ކަމަށް،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުން އިއުލާން ކުރި ނަމަވެސް މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި އެތަނަށް އެންމެ އަވަހަށް ވެސް ވަދެވޭނީ އަދި އަށް މަސް ފަހުންނެވެ. އެއީ ކޮންޓްރެކްޓްގެ ދަށުން އެތަނުގައި ކުރަން ހުރި ބާކީ މަސައްކަތްތައް ނިންމަން އެވަރުގެ މުއްދަތެއް ކޮންޓްރެކްޓަރު ބޭނުންވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.