ކުއްލި ޚަބަރު

އެންމެ އަވަހަށް ވެސް ހިޔާ ފްލެޓަށް ވަދެވޭނީ 8 މަސް ފަހުން: އަސްލަމް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެންމެ އަވަހަށް ވެސް ވަދެވޭނީ އަދި އަށް މަސް ފަހުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެ މަޝްރޫއުގެ މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާއިމީ ކަރަންޓާއި ފެން ގެންދިއުމުގެ މަސައްކަތް ވެސް އަދި ކުރަންޖެހޭއިރު ފެން ގެންދިއުމަށް އެމްޑަބްލިޔުއެސްސީގެ ފަރާތުން އަށް މަސް އަދި ކަރަންޓް ގެންދިއުމަށް ސްޓެލްކޯގެ ފަރާތުން ހަތް މަސް ދުވަސް ބޭނުންވާ ކަމަށެވެ. އެހެންކަމުން ހިޔާ ފްލެޓަށް ބަޔަކަށް ވަދެވޭނީ އަދި އަށް މަސް ދުވަސް ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަ 434 މިލިއަން ޑޮލަރު (6.6 ބިލިއަން ދިވެހި ރުފިޔާ)ގެ ލޯނެއްގެ ދަށުން ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދަން ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރުގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އަށެވެ.

އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުލައި 20، 2016 ގައިއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިން ޑިސެމްބަރު 29، 2017 ގައެވެ. އެއީ ދެ އަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް އެއްބަސްވުމުގައި ފިނިޝިންގެ ވަރަށް ގިނަ ކަންކަން ހިމަނާފައި ނުވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން އެއްވެސް ތަނެއްގައި ބޮތްކެއް، ކޭބަލް ޓީވީއެއް، ތަޅުމުގައި މުއްޓެއް، ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރެއް ހަރުކޮށްފައެއް ނުވެއެވެ. އެޕާޓްމަންޓްތަކުގައި ލާފައި ހުރީ ހަމައެކަނި ޕްރައިމާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަން ހަވާލުކުރި ނަމަވެސް ފްލެޓްތަކުގެ ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ. ކޮންޓްރެކްޓުގައި ހިމެނޭ އެ މަސައްކަތްތައް ނިންމަން އަށް މަސް ދުވަހުގެ މުއްދަތެއް އެޗްޑީސީއަށް ކޮންޓްރެކްޓަރު ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމާފައި ނުވާތީ އެ މަސައްކަތް ނިންމުމަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން މި ސަރުކާރުން ނިންމިއެވެ. ނަމަވެސް ފްލެޓްތައް ދިނުން ލަސްވެގެން ކުރާ ޝަކުވާތަކާ ގުޅިގެން ކުރީގެ ސަރުކާރުން ނިންމި ގޮތަށް އެތަންތަން ހަވާލުކުރަން ސަރުކާރުން ނިންމުމުން ފިނިޝިން މަސައްކަތްތަކަށް ނަގަން އުޅުނު ލޯނު ވެސް ވަނީ ނުނަގާ ގޮތަށް ނިންމައިފައެވެ.