ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

ނަޖީބް "ވަން"އަށް ވިދާޅުވީ، މީގެ ގަޑިއެއްހާއިރު ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިސްތިއުފާގެ ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އަދި ޖޭއެސްސީން ސިޓީ ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަންކުރާ އެމްޑީޕީން ޖޭއެސްސީ ހިސޯރުކޮށްފައިވާ ކަމަށް މީގެ ކުރިން އޭނާ ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާތީ އާއި ކެންޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުވުމުގައި ބައިވެރިވި ކަމަށާއި އެ އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލުކުރުމަށް ނަޖީބު މަސައްކަތްކުރި ކަމަށް ސާބިތުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ވާހަކަދައްކާފައިވާ ކަމަށާއި ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމު އެކަށައެޅިފައިވާ ގާނޫނީ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް، ދެ މީހަކު ހައްޔަރުކުރުމަށް އޭނާ އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެހެންކަމުން ނަޖީބު ވަކިކުރަން ހުށަހަޅަން ނިންމީ، އޭނާގެ މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާއާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9، 7.1 އަދި 7.2 ވަނަ ނަންބަރާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމުން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ ހަތަރު ވަނަ ނަންބަރު ދަށުން ކަމަށް ޖޭއެސްސީން ބުނެއެވެ.

ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައިވާ އިރު، މިދިޔަ އޭޕްރިލް މަހުން ފެށިގެން އޭނާ ހުންނެވީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ. އެއީ ކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވުމުންނެވެ. ފަނޑިޔާރެއްގެ ގޮތުގައި ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ވެސް ޖޭއެސްސީން ވަނީ ހުށަހަޅަން ނިންމައިފައެވެ.