ރަޝިއާ ފަހަތަށް ޖައްސައިލުމަށްފަހު ދުނިޔޭގައި ތިން ވަނަޔަށް އެންމެ ގިނައިން ކޮވިޑް 19 ފެތުރޭ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.
ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލު ނުވެ، އިންޑިއާގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ހަތް ލައްކައަށް އަރަން ކައިރިވެފަ އެވެ.
މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އެމެރިކާގަ އެވެ. އެ ގައުމުގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމުލަ ވަނީ 2.9 މިލިއަނަށް އަރައިފަ އެވެ.
ދެވަނަޔަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ ބްރެޒިލްގައެވެ. ބްރެޒިލުން ވަނީ 1.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައެވެ.
އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު އާދިއްތަ ދުވަހު އެކަނިވެސް އެގައުމުން 25000 އަށްވުރެ ގިނަ ކޭސް ފެނިފައި ވެއެވެ. އަދި އެގައުމުން 613 މީހުން އާދިއްތަ ދުވަހު އެކަނިވެސް މަރުވެފައި ވާކަމަށް ރެކޯޑުކުރެވިފައި ވެއެވެ.
އިންޑިއާއިން ވަނީ ލޮކްޑައުން ލުއިކޮށް ގިނަ ލުއިތަކެއްދީ އެގައުމުގެ އިގްތިސާދުވެސް ހުޅުވާލައިފައެވެ.