ކުއްލި ޚަބަރު

ކޮވިޑުގެ ކަންކަމުގައި ސިފައިން އަދާކުރީ އަގުކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެއް: ރައީސް

ކޮވިޑް 19ގެ ކަންކަމުގައި ސިފައިން އަދާކުރީ އަގުކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑުގެ ކަންކަމާ ދިވެހި ސިފައިން ކުރިމަތިލީ އެކަމުގައި ހުރި ނުރައްކާތެރިކަން ވަރަށް ރަނގަޅަށް އެނގިތިބެ ކަމަށާއި އަމިއްލަ ހަށިގަނޑާއި ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި އެކަންކަމާ ކުރިމަތިލީ ދިވެހި ސިފައިންނާ މަތިކޮށްފައިވާ ގައުމީ، ދީނީ އަދި ގާނޫނީ ވާޖިބު ފުރިހަމަކުރުމުގެ ގޮތުން ކަމަށެވެ.

"ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ވެސް އެންމެ ގިނަ މުވައްޒަފުން ބައިވެރިވި އެއް އިދާރާއަކީ އެމްއެންޑީއެފް. އޭގެ އިތުރުން ކަރަންޓީނު ފެސިލިޓީތައް އިމާރާތްކުރުމުގަޔާއި އެ ފެސިލިޓީތަކަށް މީހުން އުފުލުމުގައި ތިޔަ ސިފައިން އަދާކުރީ ވަރަށް މުހިންމު ދައުރެއް. ވަކިން ހާއްސަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެއް ކަމެއް އެބައޮތް. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެތަނުގެ މަސައްކަތް ފުރިހަމަކޮށް ނިންމިކަމީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ރައްޔިތުންނަށްޓަކައި ގުރުބާންވުމަށް ދިވެހި ސިފައިންގެ ހިތުގައި އޮތް އަޒުމާއި ހިތްވަރު ސާބިތުވާ ކަމެއް. މީގެ އިތުރުން ވެސް ލޮޖިސްޓިކް ވަރަށް ގިނަ މަސައްކަތްތަކުގައި ދިވެހި ސިފައިން އަދާކޮށްދީފައިވަނީ އަގުނުކުރެވޭ ވަރުގެ ބުރަ މަސައްކަތްތަކެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް 19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި ވަރަށް ގިނަ ހުރަސްތަކާއި ވަރަށް ބޮޑު ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށާއި އެ ހުރަސްތައް ގިރާކޮށް މިއަދު މިތިބި ހާލަތަށް އާދެވުމުގައި ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.