ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ފުލުހުން ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅޭ ހައްސާސް މައްސަލަތަކުގެ ތެދު މައުލޫމާތު ވީހާވެސް އަވަހަކަށް ހާމަކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ އެކަމުގެ ބަދުނާމު ފުލުހުންނާއި ސަރުކާރުގެ ބޮލުގައި އެޅިގެންދާނެ ކަމަށެވެ.

"ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކުގެ ތެދު މައުލޫމާތު އޭގެ ވަގުތުގައި ރައްޔިތުންނާ ހިއްސާ ކުރުން މިވަނީ އިތުރަށް މުހިންމުވެފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް

ބައެއް މީޑިއާތަކުން ބައެއް ފަހަރު މައުލޫމާތު ހާމަކުރާ ގޮތުން ރައްޔިތުންނަށް ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅިގެންދާ ކަމަށާއި އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެފަދަ މައްސަލަތަކުގެ ތެދު މައުލޫމާތު ރައްޔިތުންނަށް އެނގެން ބޭނުންވާ ވަގުތުގައި ހާމަ ނުކުރެވުން ކަމަށް ވިދާޅުވިއެވެ.

ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ފުލުހުން ރައްޔިތުންނަށް ހާމަކުރަން ޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު މިފަހުން ހިނގާދިޔަ ބައެއް ޖިންސީ ގޯނާގެ މައްސަލަތަކުގައި ފުލުހުން އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.