ކުޅިވަރު

އެފްއޭއެމްގެ ފުޓްބޯލް ސްކޫލް: ތާރީޚީ ބަދަލެއް، ތައުލީމާއި ފުޓުބޯޅައިގެ ހުނަރު އެއްފުރާޅެއްގެ ދަށުން

އައިދާ އަބްދުލް ހަކީމް

ފުޓުބޯޅައަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެކުޅިވަރަކަށް އެންމެ ގިނަ މީހުން ޝައުގުވެރިވާ ކުޅިވަރެވެ. އާމްދަނީގެ ގޮތުން ބެލި ނަމަވެސް އެ ކުޅިވަރަކުން އެންމެ ގިނަ މީހުންނަށް އާމްދަނީ ލިބޭ ކުޅިވަރުވެސް މެއެވެ. މިއާއެކު ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ބޭނުންވަނީ އެގައުމެއް ފުޓުބޯޅައިގެ އެންމެ އުހަށް ދިއުމެވެ. ވޯލްޑް ކަޕަށް ކޮލިފައި ވެ ވޯލްޑް ކަޕް ތަށި ހޯދުމަކީ ހުރިހާ ގައުމަކުން އެދޭނެ ކަމަކެވެ.

އެހިސާބަށް ދިއުމަށްޓަކައި ގައުމުތަކުން ފުޓުބޯޅަށް ގިނަ ހަރަދުތަކެއް ކުރެއެވެ. މިޓާގެޓަށް ވާސިލް ވުމަށް ދުނިޔޭގެ ހުރިހާ ގައުމެއް ކަހަލަ ގޮތަކަށް ފުޓުބޯޅައިގެ ހުނަރު ހުންނަ ކުދިން ވަރަށް ކުޑައިރުއްސުރެ ސެލެކްޓް ކޮށް އެކުދިންގެ ކިޔެވުމާއި ތަމްރީނުތައް ހެދުމަށް ހާއްސަ ސްކޫލްތަކަށް ފޮނޮވައެވެ. އެކުދިންނަށް ކިޔަވައިދޭނީ ފުޓުބޯޅައާ ގުޅުން ހުރި އިލްމާއި އަދި އާންމު ދިރިއުޅުމުގައި އެކުއްޖަކަށް ބޭނުންވާ އިލްމެވެ. އެހެންކަމުން ގާތްގަނޑަކަށް އުމުރުން 16 ނުވަތަ 17 އަހަރު ވާއިރު އެކުދިން ތިބެނީ އެގައުމުތަކުގެ ބޮޑެތި ފުޓުބޯޅަ ޓީމްތަކަށް ކުޅެވޭ ވަރަށް ތައްޔާރު ވެފައެވެ. އެހެންކަމުން އެކަމުގެ ފައިދާ އެގައުމުތަކުގެ ގައުމީ ޓީމްތަކަށް ވަރަށް ބޮޑަށް ކުރެއެވެ.

ދުނިޔޭގެ އެހެން ގައުމުތައް ފަދައިން ރާއްޖެއިން ވެސް މިވަނީ މިހާރު ފުޓުބޯޅަ ސްކޫލެއްގެ މަސައްކަތް ފަށައިފައެވެ. މިދިޔަ އަހަރުތެރޭ ހުޅުވަން ނިންމި އެ ސުކޫލުގެ ކަންކަން ނުނިމި އޮތީ ދިމާވި އެކިއެކި ކަންކަމާ ގުޅިގެން ކަމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ ފުޓުުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެއެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި އެ ސްކޫލުގެ ކިޔެވުން ފެށޭނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް "ވަން" ވިދާޅުވީ މިހާރު ހަޔަ އެޑިއުކޭޝަން އާއި އެޑިއުކޭޝަން މިނިސްޓްރީއާ އެކު އެކަމާ ގުޅިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުޓްބޯލް ސުކޫލުގައި ކިޔަވާ ކުދިންނަށް ވަކި ކަރިކިއުލަމެއް ތައްޔާރު ކުރެވިގެންދާނެ ކަމަށާއި، އެތަނުން ނިކުންނަ ކުދިން ވެގެންދާނީ ކިޔެވުމުގެ ބައި ވެސް އަދާކުރެވި ފުޓުބޯޅައިގެވެސް ވަކި ހާއްސަ ތަމްރީންތަކެއް ހެދިގެން އޭގެ ތެރެއިން ބޮޑުވެގެން އަންނަ ކުދިންތަކެއް ކަމަށެވެ. ބައްސާމް ވިދާޅުވީ އެތަނުން ނިކުންނަ ކުދިން ވެގެންދާނީ ހުނަރު ވެރި މުޖުތަމައަށް ބޭނުންވާ ފަދަ ޒިންމާދާރު ރަނގަޅު ބަޔަކަށް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ ހަޔަ އެޑިއުކޭޝަން އާއި އެޑިއުކޭޝަން މިނިސްޓްރީއާ އެކު ވެސް މަޝްވަރާ ކުރަމުން، ވަކި ކަރިކިއުލަމެއް މިކުދިންނަށް ތައްޔާރު ކުރެވިގެންދާނެ. އެހެންވީމަ ޖުމުލަކޮށް އެތަނުން ނިކުންނަ ކުދިން ވާނީ އަޅުގަނޑު ދަންނަވާނީ ކިޔެވުމުގެ ބައި ވެސް އަދާކުރެވި އަދި ފުޓުބޯޅަވެސް ވަކި ހާއްސަ ތަމްރީންތަކެއްގެ ތެރެއިން ބޮޑުވެގެން އަންނަ ކުދިންނަށް. އަޅުގަނޑުމެންގެ ބޭނުމަކަށް ވަނީ ކުދިންގެ ހުނަރު އިތުރު ކުރުމާއި އެކުއެކީގަ މުޖުތަމައަށް ޒިންމާދާރު ރަނގަޅު ބަޔަކު ނިކުމެގެންދާ ތަން ފެނުން" ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމުން ނިންމާފައިވަނީ އެ އެސޯސިއޭޝަނުގެ ޓެކްނިކަލް ބޭފުޅުން އެކި ރަށްރަށަށް ޒިޔާރަތް ކޮށް ކުދިން ހޯދުމަށް ސެލެކްޝަން ހެދުމަށެވެ. އެފްއޭއެމްގެ ޓޮޕް މެނޭޖްމަންޓުން ވެސް މިދަތުރުތަކުގައި ބައިވެރިވެ ސެލެކްޓްވާ ކުދިންގެ ބެލެނިވެރިންނާއި ބައްދަލުކޮށް، އެބެލެނިވެރިންނާއި ވާހަކަ ދައްކައި މި ސްކޫލަށް ވަނުމަށް ފަހު އެކުދިންގެ ޒިންމާ އެފްއޭއެމް އިން ނަގާނެ ކަމުގެ ޔަގީންކަން އެރުވުމަށް އެފްއޭއެމް އިން ވަނީ ނިންމައިފައެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް އުނދަގޫ މަރުހަލާއަކަށް ކަން ދަނީ. އެއީ ފުރަތަމަ ކަމަކަށް ޓްރަސްޓެއް އެބަ ބިލްޑްވާން ޖެހޭ. އެއަށް ފަހުގައި ނޫނިއްޔާ ކުދިން ދޫކުރެވޭނެ ގޮތެއް ހަމަ ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެންނަށް އެކަން ގަބޫލު ކުރެވޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން. ބެލެނިވެރިންގެ ޓްރަސްޓް ނުވަތަ އެ ސްކޫލް ހިންގަން އެތާ ތިބޭ ފަރާތްތަކާ މެދުގަ އޮންނާނެ ކަމަށް. ދެން ރައްކާތެރިކަމަށް ބަލާއިރު އެ ސުކޫލަކީ، އެކޮންޕައުންޑަކީ އެއްކޮށް ލޮކް ކުރެވިފައި ހުންނާނެ ތަނެއް. ބޭރަކުން ކޮންމެ ކޮންމެ މީހަކަށް ވަދެވޭނެ ތަނަކަށް ނުވާނެ." ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ އެކުދިން ބެލެހެއްޓުމަށް އެތާ ތެރޭގައި ބެލެނިވެރި ފަރާތްތަކުގެ ގޮތުގައި ބަޔަކު ތިބޭނެ ކަމަށާއި، އެމީހުންގެ ޒިންމާއަކަށް ވާނީ އެކުދިންނަށް ގަޑިން ގަޑިއަށް ކާންދިނުމާއި ބަރާބަރަށް ނަމާދުގެ ވަގުތު ތަކުގައި ނަމާދު ކުރުވުމާއި ކިޔެވުމުގެ ހުރިހާކަމެއް އެތަނުގައި ތިބެގެން ބެލެހެއްޓުން ކަމަށެވެ. ބައްސާމް ވިދާޅުވީ އެތަނުގައި ކިޔަވާ ކުދިންގެ ބެލެނިވެރިން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަންކަން ކުރިޔަށް ދާނީ ސަރުކާރާއި އެފްއޭއެމް ގުޅިގެން ކަމަށެވެ.

ހުޅުމާލޭގައި ގާއިމުކުރާ ފުޓުބޯޅަ ސްކޫލުގެ އިމާރާތާއި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ކުރިޔަށް އޮތް ދެމަހެއް ތެރޭ އެސުކޫލުގައި ގާއިމުކުރާ ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ނިމޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. މިހާރު އެ މަސައްކަތް ނުފެށިފައިވަނީ ކޮވިޑް 19 އާ ގުޅިގެން އެތަން ކޮވިޑްގެ ބޭނުންތަކަށް ބޭނުން ކުރާތީ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އަދި އެކަން ނިމުމުން އެސުކޫލު ހުޅުވުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

"މިހާރު ބިލްޑިންގް އެހުރީ ނިމިފަ. އެކަމަޑޭޝަން ބޮލޮކްވެސް ނިމިފަ ހުރީ. އިރާދުކުރެއްވިޔާ ކުރިޔަށް އޮތް ދެމަހެއްތެރޭ އަޅުގަނޑު ދަންނަވާނީ ދަނޑުވެސް ނިމިގެންދާނެ. އެޔަށްފަހު މަސައްކަތް ފަށަން ވީ. އެހެން ނަމަވެސް މިވަގުތު އެބިލްޑިން ނުވަތަ އެފެސިލިޓީ ބޭނުން ކުރަމުން އަންނަނީ ކޮވިޑް ކަންތަކަށް. ސަރުކާރުން ބައެއް ފަރާތްތައް އެތާ އެކަހެރި ކުރުމުގެ ކަންތަކުގަ ބޭނުކުރާ ތަނެއްގެ ގޮތުގަ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސް ނިމުމާ އެކު އެ ބިލްޑިންގް ފްރީވާނެ. އެއަށްފަހު އަޅުގަނޑުމެން މުޅިތަން ޑިސް އިންފެކްޓްކުރުމަށްފަހު އަޅުގަނޑުމެން އެތަނުގެ މަސައްކަތް ފެށުން އޮތީ ކުރިޔަށް" ބައްސާމް ވިދާޅުވި އެވެ.

މިކަމަކީ ފުޓުބޯޅަޔަށް ގިނަ ފައިދާތަކެއް ކުރާނެ ނަމަވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމެއްކަމަށް ބައްސާމް ގަބޫލު ކުރައްވައެވެ. މިސުކޫލުން ތަމްރީން ވެގެންދާ ކުދިން ވާނީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް ލިޔެވިގެންދާނެ ކުދިން ތަކަކަށެވެ. މި ކަމަކީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެ ތަޖުރިބާކޮށްފައި ނުވާ ނަމަވެސް ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ތާރީހުގައި ލިޔެވިގެންދާނެ ބިޔަ ބޮޑު މަސައްކަތަކަށް ވާނެ އެވެ. މި ކަމަކީ ފުޓުބޯޅަޔަށް ލޯބިކުރާ ބެލެނިވެރިންނާއި ކުދިންނަށް ލިބިގެންދާނެ އުފާވެރި އަދި މުހިންމު ފުރުސަތަކަށްވެސް ވެގެން ދާނެއެވެ.