ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި 11 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލު ޑީއެޗް 11ގައި ކޮވިޑަށް ފަރުވާދެމުން ދަނިކޮށް، ރޭ 1:52ގައި 77 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި 11 ވަނަ މީހާއެވެ. އެ ބަލީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ވަނީ މީހަކު މަރުވެފައެވެ. ކޮވިޑު ޖެހިގެން އެ ދުވަހު މަރުވެފައިވަނީ 92 އަހަރުގެ ދިވެއްސެކެވެ. އެއީ އެ ބަލީގައި ރާއްޖޭން މަރުވި އެންމެ ދުވަސްވީ މީހާއެވެ.

ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވި 11 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.

ރާއްޖޭގައި 2435 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 2030 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 389 މީހެކެވެ.