Close
ކުއްލި ޚަބަރު

އައިޖީއެމްއެޗުން ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ޑޮކްޓަރަކު ހިމެނޭ

އަލީ ޔާމިން

އައިޖީއެމްއެޗުން ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ޑޮކްޓަރަކު ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު "ވަން" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ، އައިޖީއެމްއެޗުން ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ޑޮކްޓަރަކާއި ތިން ނަރުހުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެމީހުން ޕޮޒިޓިވްވީ ކޮން އިރަކު ކަމެއް ވިދާޅެއް ނުވެއެވެ. އަދި އެމީހުން މިހާރު ތިބީ ކޮން ތަނެއްގައި ކަމެއްވެސް ވިދާޅެއް ނުވެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ނަޒީމް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ފަސް ބަލި މީހުންނާއި ހަތަރު މުވައްޒަފުންގެ އިތުރުން ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި އުޅުނު ދެ މީހެއް ކަމަށެވެ.

ޑރ. ނަޒީމް ވިދާޅުވީ ގިނަ ބައެއްގެ ކޮންޓެކްޓް ޓްރޭސިން ހެދިފައިވާ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ޑީއެޗް 11އަށް ބަދަލުކުރެވިފައިވާ ކަމަށާއި ދެމީހަކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލު ކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން 27 މުވައްޒަފަކު ހޯމް ކަރަންޓީނަށް ބަދަލުކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.