މިދިޔަ 24 ގަޑިއިރު ތެރޭ 25 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 2435 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނާއި އިންޑިއާގެ މީހެއް އަދި ނޭޕާލުގެ މީހެއް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 54 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 2030 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 390 މީހަކަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 112 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 269 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިހަ މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ފަސް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.