އައިޖީއެމްއެމްއެޗުގައި އެޑްމިޓްކުރާ ހުރިހާ ބަލި މީހުން ކޮވިޑަށް ޓެސްޓުކުރުމުގެ އުސޫލަށް އަނެއްކާވެސް އަމަލުކުރަން ފަށައިފި އެވެ.

އައިޖީއެމްއެޗުން މިހެން ބުނެފައިވަނީ ހޮސްޕިޓަލުގެ މުވައްޒަފުންތަކަކާއި ބަލިމީހުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދޭ މީހުން ކޮވޮޑް 19އަށް ޓެސްޓު ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި އެޑްމިޓް ކުރާ ހުރިހާ ބަލި މީހުން ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ނިންމާފައިވަނީ މިގޮތުގެ މަތިން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ބަލިމީހުން އެޑްމިޓު ކޮށްގެން ފަރުވާ ދިނުމުގައި މިފަދަ ބަދަލެއް ގެނައި ނަމަވެސް، ބަލިމީހާގެ ފުރާނަ ސަލާމަތް ކުރަން ޖެހިއްޖެ ހާލަތެއްގައި، ނުވަތަ އެނޫންވެސް ބޮޑު އިމަޖެންސީ ހާލަތެއްގައި ކޮވިޑް 19ގެ ނަތީޖާ ލިބެންދެން މަޑު ނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު އެ ބަލި މީހަކަށް ދޭން ޖެހޭ ފަރުވާ ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން މިކަމުގައި އިތުރަށް ބަލަން ޖެހޭ ކަމެއް އޮތްތޯ، ނުވަތަ އިސްލާހު ކުރަންޖެހޭ ކަމެއް އޮތްތޯ ބަލައި، އެކަންކަން އިސްލާހު ކުރަމުން ގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ވަނީ މާލެތެރޭ އަދިވެސް ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރު ބަލިމީހާ ހޮސްޕިޓަލަށް ގެންގޮސް ހަދާ ފުރަމަ ކޮވިޑް ޓެސްޓު ނެގަޓިވްވި ނަމަވެސް ފަހުންވެސް ބައްޔަށް ޕޮޒިޓިވް ވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ. އެއީ މި ބަލީގެ ޒާތުން ކަމަށާއި، ހޮސްޕިޓަލަށް ބަލިމީހުންގެ އެހީތެރިންނާއި އެހެނިހެން މީހުން ކޮންމެވެސް ވަރަކަށް ގޮސް ނިކުމެ ހަދާއިރު ހޮސްޕިޓަލުގައި ބަލި މީހާ އެޑްމިޓް ކުރާ ފަހުންވެސް ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިފަދަ ގޮތަކަށްވެސް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އެގޮތުން ބަލިމީހުންނަށް ޒިޔާރަތް ކުރުމުގައި އަދި އެހެނިހެން ކަންކަމުގައި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކޮށް، އާންމު ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ބޭނުންވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ހަފްތާގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ނިޔާވި 39 އަހަރުގެ އިންޑޮނޭޝިއާ މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މިކަމާ ގުޅިގެން އޭރު އައިސީޔޫގައި ތިބި މީހުން އެހެން ވޯޑަކަށް ބަދަލު ކުރި އެވެ. އެހެން ނަމަވެސް އިތުރު ދެ ބަލި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

މި ކޭސްތައް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް ހަދައި، ފާހަގަވި ބައެއް މުވައްޒަފުން އެކަހެރިކޮށް، ބައްޔަށް ޓެސްޓު ކުރި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މި ޓެސްޓުތަކުގެ ބޮޑުބައެއް ނިމިފައިވާ އިރު، މިހާތަނަށް ޓެސްޓު ކުރެވުނު މުވައްޒަފުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ ހަތަރު މުވައްޒަފުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވް ވި ބަލިމީހުން މިހާރު ޑީއެޗް 11 އަށް ބަދަލުކޮށްފައިވާ ކަމަށާއި، ބަލިމީހުންނާއި ބައްޔަށް ޕޮޒިޓިވް ވި މުވައްޒަފުންގެ ހާލުވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން އައިސީޔޫއިން ފެނުނު މި ކޭސްތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަލި މީހުން ވެއްދުން ވަގުތީ ގޮތުން ހުއްޓާލައި، ހޮސްޕިޓަލުގެ އެހެން ތަނެއްގައި އައިސީޔޫގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށްވެސް އައިޖީއެމްއެޗްގެ މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.