ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮވެގެން، ސަރުކާރު ބޭނުންނުވާ ބިލެއް ފާސްކުރަން އުދަނގޫ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާއެކު އަޑު އުފުލޭނެ މާހައުލެއް ނެތް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް އެހެން ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ކަހަލަ މިނިވަން މެންބަރުން ބޭނުންވާ ކަމަށް ބުނެ އޭނާ ނެރޭ ބަޔާންތަކާ އެއްގޮތަށް ގާނޫނުތައް ތަންފީޒު ކޮށްދިނުމަށް އެދި މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
އުޝާމް ވިދާޅުވީ، މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ސަރުކާރުން ބޭނުންނުވާ ގާނޫނުތައް ފާސްކުރުމަށް ވަރަށް އުދަނގޫވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މިނިވަން އަޑުތަކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އުޝާމް މިހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގައެވެ. އެޕާޓީގެ 65 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.
މިނިވަން މެންބަރުންގެ ގޮތުގައި މިވަގުތު މަޖިލީހުގައި ތިއްބެވީ ފަސް މެންބަރެކެވެ. އެއީ އުޝާމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ނިލެންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު