އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން އައި ބަލި ދެ މީހަކާއި އެ ހޮސްޕިޓަލުގެ ތިން ނަރުހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑާ ގުޅޭ މައުލޫމާތު މީޑިއާއަށް ދެއްވުމަށް ހެލްތު މިނިސްޓްރީން މިހާރު ކަނޑައަޅުއްވާފައި ހުންނަވާ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން ދާދި ދެންމެ "ވަން" އަށް ވަނީ މިކަން ކަށަވަރު ކޮށްދެއްވައިފައެވެ. އަދި އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި 20 ކޮންޓެކްޓެއް މިހާތަނަށް ފާހަގަ ވެފައިވާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

"ޖުމުލަ ފަސް މީހަކު މި އުޅެނީ. އެއީ ތިން ނަރުހުންނާއި ދެ ޕޭޝަންޓުން. 20 ކޮންޓެކްޓެއް މިހާތަނަށް ފާހަގަވެއްޖެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަގެންދޭ." ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން އައިސީޔޫގައި ބާކީ ތިބި ބަލި ހުރިހާ މީހުން ޓެސްޓު ކޮށްފައިވާ ކަމަށާއި އެ އެންމެން ކޮވިޑަށް ނެގެޓިވް ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވި ތިން މީހުން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އަށް ބަދަލުކޮށްފައި ކަމަށާއި ޕޮޒިޓިވް ވި ތިން ނަރުހުން އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ. މި ފަސް މީހުންވެސް ޕޮޒިޓިވް ވެފައި ވަނީ މިއަދު ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތުވެސް ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ ދަރުމަވަންތައަށް ބަދަލު ކުރި ބަލި ދެމީހުންގެ ތެރެއިން އެކަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އެނަކަކަކީ މެދު އުމުރުގެ މީހެއް ކަމަށެވެ.