ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް މިދުވަސްވަރު ގިނަވުމާ ގުޅިގެން އެކަންކަމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މިއަދު ވެސް މުޒާހަރާކޮށްފިއެވެ.

މިއަދުގެ މުޒާހަރާ ވެސް ބާއްވާފައިވަނީ ވޮއިސް އޮފް ޗިލްރަން ޖަމިއްޔާއިންނެވެ. މިއީ މި ހަފްތާގެ ތެރޭގައި އެ ޖަމިއްޔާއިން ބޭއްވި މިފަދަ ދެވަނަ މުޒާހަރާއެވެ. މިއަދުގެ މުޒާހަރާ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ފަށާފައިވަނީ ހަވީރު 4:00 ގައެވެ. އަދި ފަހުން މުޒާހަރާގެ ބައިވެރިންވަނީ ބޮޑުތަކުރުފާނު ބޭންކް އޮފް މޯލްޑިވްސް ކައިރީގައި މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

މި މުޒާހަރާތަކަކީ މި ދުވަސްކޮޅު ރާއްޖޭގައި ރޭޕްގެ މައްސަލަތައް ފެންމަތިވުމުގެ އިތުރުން، ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި އިންސާފު ނުލިބި ހިނގައިދާނެ ކަމަށް ބުނެ ކުރި މުޒާހަރާއެކެވެ.

މިއަދުގެ މުޒާހަރާގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާގެ މައްސަލަތަކަށް ސަރުކާރުން ގެންގުޅޭނެ ކަމަށް ބުނާ ޒީރޯ ޓޮލަރެންސް ކޮބައިތޯ އާއި އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ. އަދި އިންސާފު ހޯދައި ނުދެވެނީސް ވޯޓު ހޯދަން ނައުމަށް ވެސް ގޮވާލައިފައިވެއެވެ. އޭގެ އިތުރުން ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އަވަސް ކުރުމަށް ގޮވާލައި އަދުލު އިންސާފު ގާއިމު ކުރުމަށާއި ފުލުހުންގެ ޒިންމާ އަދާކުރުމަށް ވެސް ބައިވެރިން ގޮވާލިއެވެ.