ބިދޭސީންނަށް މުސާރަ ނުދިނުމުން ދިވެހިން ރަހީނުކުރުން އޯކޭ ކަމެއް ކަމަށް ދުށުމަކީ ގައުމަށް ގައްދާރުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، ބ. ތުޅާދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް، އެރަށުގައި މަސައްކަތް ކުރާ 12 ދިވެހީން ރަހީނު ކުރި މައްސަލައިގައި ކުރެއްވި ޓުވީޓެއްގައެވެ.

އެރަށުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ރުޅިވެރިކަން ބޮޑުވެފައި ވަނީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ. މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިދޭސީންގެ ހައްގު ހޯދަން ރާއްޖޭގެ ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ލޭބާ ރިލޭޝަން އޮތޯރިޓީ ފަދަ ގާނޫނީ އެތައް އިންތިޒާމުތަކެއް އެބަހުރި ކަމަށެވެ.

"ބިދޭސީންގެ ހައްގު ހޯދަން ރާއްޖޭގައި ކޯޓުތައް، ހިއުމަން ރައިޓްސް ކޮމިޝަން، ލޭބާ ރިލޭޝަންސް އޮތޯރިޓީ، އަދި މިނޫންވެސް ގާނޫނީ އެތައް އިންތިޒާމްތަކެއް ހުރޭ. ބިދޭސީން ދިވެހި ބިމުގައި، ދިވެހީން ރަހީނުކޮށް، މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުުން އޯކޭ ކަމެއް ކަމުގަ ދުށުން އެއީ ގައުމަށް ގައްދާރުވުން ކަމަށް އަޅުގަނޑު ދެކެން." މާރިޔާ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

މާރިޔާ މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ބޮޑުފިނޮޅުގެ ހަމަނުޖެހުމަށް ސުލްހަވެރި ހައްލެއް ގެނެސްދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ އިތުރުން ފުލުހުންނަށް ވެސް މިނިސްޓަރު ތައުރީފު ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލްކޮށް، ރަހީނުކުރި 12 ދިވެހިން ސަލާމަތްކުރީ ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއްގެ އިތުރުން ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުން ރޭ ދަންވަރު މާލެއިން އެރަށަށް ގޮސްގެންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ 19 މީހަކު ހައްޔަރުކޮށްގެން، ބ. ތުޅާދޫއަށް ގެންގޮސްފައެވެ.