ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ އިންތިހާބު އިއްޔެ ބާއްވައި އެ އެސޯސިއޭޝަނުގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލު ހޮވުމާއި ގުޅިގެން އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ބޭއްވީ ސަރުކާރަށް ގޮންޖަހާފައި ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިހާބު ބޭއްވީ ގާނޫނާއި، ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވައިދާ ހިލާފަށް ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގާނޫނީ ދައުލަތެއް މިގައުމުގައި ހިންގަން ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބު ފަސްކުރަން އަންގައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ ޔޫތު މިނިސްޓަރަށް ދަންނަވައިފައެވެ. ޔޫތު މިނިސްޓްރީން ވަނީ އިންތިހާބު ފަސްކޮށްދިނުމަށް އެފްއޭއެމްގައި އެދިފައެވެ. ނަމަވެސް އެފްއޭއެމް އިން ވަނީ އިންތިހާބީ ކޮންގްރެސް ބާއްވައި ދެވަނަ ދައުރަކަށް ބައްސާމް އިންތިހާބު ކޮށްފައެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވަނީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވައި އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އެޅުމަށް ސްޕޯޓްސް ކޮމިޝަނާއި ޔޫތު މިނިސްޓަރަށް އެންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވައިފައެވެ. އެގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލުކޮށްފައި ނޫނީ އިންތިހާބު ބޭއްވިޔަ ނުދިނުމަށެވެ.
މި ގަރާރާ ގުޅިގެން ފީފާ އިން ވަނީ އިންތިހާބަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު