ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 11 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗްގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާގެ މީހަކު މިއަދު ހެނދުނު 9:47ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި 11 ވަނަ މީހާއެވެ. އެ ބަލީގައި ރޭ ވެސް ވަނީ މީހަކު މަރުވެފައެވެ. ކޮވިޑު ޖެހިގެން ރޭ މަރުވެފައިވަނީ 92 އަހަރުގެ ދިވެއްސެކެވެ. އެއީ އެ ބަލީގައި ރާއްޖޭން މަރުވި އެންމެ ދުވަސްވީ މީހާއެވެ.

އިންޑޮނޭޝިއާ މީހާގެ އިތުރުން ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ ފަސް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.

ރާއްޖޭގައި 2400 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 1969 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 416 މީހެކެވެ.