އަށާރަ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކަަށް ޖީންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފިލްމީ ތަރި ޖުމައްޔިލް ނިމާލަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަލުން ރިވިއު ކުރަން އެ އޮފީހުން ނިންމައިފިއެވެ.

އުމުރުން 17 އަހަރުގައި އޭނާގެ ދެބެންގެ ދެދަރި ބޭބެ، ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އަންހެން ކުއްޖަކު މިއަދު ވަނީ ޓުވިޓާ އަދި ފޭސްބުކްގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އޭނާ ބުނީ 2016 ވަނަ އަހަރު ހިނގި އެ ހާދިސާއަށް، މިއަދާ ހަމައަށްވެސް އިންސާފު ލިބިފައި ނުވަނީ އެމައްސަލަ ޕީޖީއަށް ދިއުމުން ބާރުގެ ބޭނުންކޮށްގެން މައްސަލަ އޮއްބާލާފައިވާތީ ކަމަށެވެ.

އޭނާގެ ޓުވީޓުގައި ޕީޖީ ޝަމީމް ޓެގް ކުރެއްވުމުން އެއަށް ރިޕްލައި ކުރައްވައި ޝަމީމް ވިދާޅުވީ އެ މައްސަލަ އަލުން ބަލައި ވެދެވެން އޮތް އެހީތެރިކަމެއް ބަލައި އަންގާނެ ކަމަށެވެ. ކުރިން އެ މައްސަލަ ހުށަހެޅި އިރު، ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.

ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ ޖުމައްޔިލްގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ޖިންސީ ގޯނާކުރުމުގެ ބައި މީގެ ކުރިން ނުބަލަން ނިންމީ އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކަަމަށެވެ. ނަމަވެސް މިހާރު ޕީޖީ ހުސެއިން ޝަމީމްގެ އެދިވަޑައިގެންނެވުމުގެ މަތިން އަލުން މައްސަލަ ރިވިއު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރަން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ވަނީ ނިންމާފައި. މި މައްސަލައިގައި ޖިންސީ ގޯނާގެ ބައި އަލުން ރިވިއު ކުރުމަށް ޕީޖީ ޝަމީމް ވަނީ ނިންމަވާފައި. އެކަން މިހާރު ކުރިއަށް ދަނީ،" ޝަފީއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ރިވިއު ކުރުމަށްފަހު އިތުރު ފިޔަވަޅެއް އަޅަން ޖެހޭނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އަންހެން ކުއްޖާ ސޯޝަލް މީޑިއާގައި އޭނާގެ އުދާސްތައް ބޭރުކޮށްލައި ތަފްސީލުކޮށް އެވާހަކަ ކިޔައިދޭން ކެރުނީ ވަރަށް ހިތްވަރު ކޮށްފައި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ހާދިސާއަކީ އިއްޔެ ހިނގި ހާދިސާއެއް ފަދައިން އަދިވެސް ވަރަށް ރަނގަޅަށް ހަނދާނުގައި ހަރުލާފައި އެބަހުރި ކަމަށެވެ.

ޖުމައްޔިލްގެ ނަން ހާމަކޮށް އޭނާ ބުނީ ޖުމައްޔިލްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވެފައިވާ ކަމަށާއި އަދިވެސް އެރޭގެ ސަބަބުން ދިރިއުޅެން އުނދަގޫވެފައިވާ ކަމަށެވެ.

"އެ ހާދިސާއަށްފަހު އޭނާ އަހަންނަށް މެސެޖް ކޮށްފައި އެރޭގެ އިހުސާސްތައް އަހަރެން ކައިރީ އަހަން ކެރުނުކަން. އެއް ފަހަރެއް ނޫން ދެފަހަރު މެސެޖުކޮށް އެހި އަހަރެންގެ އިހުސާސްތައް. އޭނާ ކުރި މެސެޖުތަކަށް ރިޕްލައި ނުކުރި ނަމަވެސް، އެރޭގެ އިހުސާސްތައް، އެއީ އަހަރެންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް،" އަންހެން ކުއްޖާ ބުންޏެވެ.

އޭނާ ބުނީ އެކަމާ ގުޅިގެން ސިވިއާ އެންޒައިޓީ އާއި ޑިޕްރެޝަނަށް ފަރުވާ ހޯދަން ޖެހުނު ކަމަށާއި އެކަމަށް ތެރަޕީ އާއި ކައުންސެލިން ހޯދަން ޖެހުނު ކަމަށެވެ. އަދިވެސް އެހަނދާންތައް އޭނާއަށް އުނދަގޫކުރާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މައްސަލައިގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ޖުމައްޔިލްއަށް ލިބެން ޖެހޭ ހައްގު އަދަބު ލިބެންދެން މަސައްކަތް ކުރާނެ ކަމަށެވެ.

ޖުމައްޔިލްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާވެސް މީގެ ކުރިން ކޮށްފައިވެއެވެ. ނަމަވެސް ލިޔެކިޔުންތަކެއްގައި މައްސަލަ އުޅޭ ކަމަށްބުނެ ކޯޓުން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލައިފައެވެ. ޕީޖީން ބުނީ އެމައްސަލަ އޮތީ އިސްތިއުނާފު ނުކުރެވި ކަމަށާއި އަލުން ބަލައި އެމައްސަލަ ކޯޓަށް ފޮނުވާނެ ކަމަށެވެ.