ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އޮމާންގެ ގައުމީ އެއާލައިން، އޮމާން އެއާގެ ދަތުރުތައް މިމަހުގެ 17ގެ ފަހުން ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮމާންގެ ފޮރިން މިނިސްޓަރު ޔޫސުފް ބިން އަލަވީ ބިން އަބްދުﷲ އަށް މިއަދު ހެނދުނު ފޯނުން ގުޅުއްވައި ދެގައުމުގެ ދެމެދުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމާފައިވާތީ އުފާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ 17 ޖުލައިގެ ފަހުން އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމުގެ ޔަގީންކަން އޮމާންގެ މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.

މިއަދު ފޯނުން ގުޅުއްވައި ދެގައުމުގެ ކޮވިޑުގެ ހާލަތާ ގުޅޭ ފަހުގެ މައުލޫމާތުތައް ދެގައުމުންވެސް ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ ބޯޑަރު މިމަހު 15ގައި ހުޅުވާލާ އިރު، ނިއު ނޯމަލްގައި ރާއްޖެއިން އަޅާފައި އަދި އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން އޮމާންގެ މިނިސްޓަރަށް މައުލޫމާތު ދެއްވައިފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކޮށްފައިވާ އަސަރުތަކާއި ކުރިއަށް އޮތް ތަނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތުވެސް ހިއްސާ ކުރައްވައިފައެވެ.