ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާގުޅޭ މައްސަލަތަކެއް ބަލަމުން އަންނާތީ މިއަދު ބާއްވަން ހަމަޖެއްސި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ފަސްކޮށްދިނުމަށް ޔޫތް މިނިސްޓްރީން އެ އެސޯސިއޭޝަންގައި އެދިއްޖެއެވެ.
ޔޫތް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު "ވަން" އަށް ވިދާޅުވީ މިއަދު 12:30 ހާއިރު އިންތިހާބު ފަސްކޮށްދިނުމަށް އެދި މިނިސްޓްރީން އެފްއޭއެމަށް އަންގާފައިވާނެ ކަމަށެވެ. މިނިސްޓްރީން އެގޮތަށް އެންގި ނަމަވެސް އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ވަނީ ފަށައިފައެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ އިންތިހާބު މިއަދު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް އެފްއޭއެމުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއަދު ހަވީރު 4:00ގައި އެފްއޭއެމްގައި އިންތިހާބީ ކޮންގްރެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެކޮންގުރެސް ކުރިއަށް ދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ އިންތިހާބު މިއަދު ބާއްވަން ނިންމާފައިވާއިރު އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވަނީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވައި އެ އެސޯސިއޭޝަނާމެދު ފިޔަވަޅު އަޅުމަށް ސްޕޯޓްސް ކޮމިޝަނާއި ޔޫތް މިނިސްޓަރަށް އެންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. އެގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލުކޮށްފައި ނޫނީ އިންތިހާބު ބޭއްވިޔަ ނުދިނުމަށެވެ.
މި ގަރާރާ ގުޅިގެން ފީފާ އިން ވަނީ އިންތިހާބަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރުދީފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު