ބާރަ އަހަރުން މަތީގެ ކުދިންނަށް ޓިއުޝަން ކްލާސްތައް ކުރިއަށްގެންދެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި އެ ސެންޓަރުގެ އެންމެ ފަހު ނޫސްވެރިންގެ ބައްދުވުމުގައި މަބްރޫކް ވިދާޅުވީ، މިއަދުން ފެށިގެން ލޮކްޑައުންނަށް ދިން ބޮޑެތި ލުއިތަކާއެކު މާލޭ ސަރަހައްދުގައި 12 އަހަރުން މަތީގެ ކުދިންނަށް ޓިއުޝަން ކްލާސްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ބަލި ނެތް ރަށްރަށުގައި ހުރިހާ އުމުރުފުރައަކަށް ޓިއުޝަން ކްލާސްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

"މާލޭ ސަރަހައްދުގައި ޓިއުޝަން ސެންޓަރުތައް ބަންދު ކުރެވިފައިވާނީ 12 އަހަރުން ދަށުގެ ކުދިންނަށް. 12 އަހަރުން މަތީގެ ކުދިންނަށް ޓިއުޝަން ކްލާސްތައް ގައިދުރުކަމާއެކީގައި ހިންގޭނެ ކަމަށް މައުލޫމާތު ލިބެނީ،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މާލޭ ސަރަހައްދުގައި 12 އަހަރުން ދަށުގެ ކުދިންނަށް ސްޕޯޓްސް އެކެޑެމީތަކުގެ ހަރަކާތްތަކުގައިވެސް ބައިވެރިނުވެވޭނެ ކަމަށާއި ނަމަވެސް 12 އަހަރުން މަތީގެ ކުދިންނަށް އެ ހުއްދަ އޮންނަ ކަމަށެވެ.

ކުޅިވަރު އެކެޑެމީތަކުގެ ހަރަކާތްތަކުގައި ބައިވެރިނުވެވުނަސް 12 އަހަރުން ދަށުގެ ކުދިންނަށް އާއިލާއެކު ކުޅިވަރު ކުޅުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.