ރޭޕް ކަމަށް ތުހުމަތު ކުރެވޭ ބައެެއް މައްސަލައިގެ ލިޔެކިޔުންތައް ހޯދަން ފުލުހުންނަށް އަމުރުކުރަން ޕީޖީ ނިންމަވައިފި އެވެ.

ޖެންޑާ މިނިސްޓްރީއާއި އައިޖީއެމްއެޗު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ޖިންސީ ގޯނާއާއި ފުރައްސާރައިގެ ބައެއް މައްސަލަތައް ފުލުހުން އެކަށީގެންވާ ވަރަށް ތަހުގީގު ނުކުރާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީގެ 223 ވަނަ މާއްދާއިން ޕްރޮސެކިއުޓާ ޖެނެރަލްއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެފަދަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދަނީ ރަނގަޅަށްތޯ ބަލާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ގާނޫނޫ އަސާސީގެ 223 ވަނަ މާއްދާގައި އެބަ ބުނޭ ޖިނާއީ ތަހުގީގުތައް ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުމަކީ ޕީޖީގެ ޒިންމާއެއްކަމަށް. އެހެންވީމަ މިއަދު އަޅުގަނޑު މި ފަށާ މަސައްކަތަކީ މިހާރު ފެންމަތިވެގެން މިއުޅޭ މައްސަލަތައް ޖިންސީ ކުށުގެ ގޯނާގެ ދެތިން މައްސަލައެއް އެބައުޅޭ. އެ މައްސަލަތައް އަޅުގަނޑު ދިރާސާ ކުރާނަން. ފުލުހުންނަށް އަޅުގަނޑު މި ނެރެނީ އަމުރެއް އެ މައްސަލަތަކުގެ ލިޔުންތައް އަޅުގަނޑާ ހަމައަށް ގެނެސްދިނުމަށް. އެ މައްސަލަތަކުގެ ތަހުގީގު ހިނގި ގޮތް އަޅުގަނޑު ބަލާފައި އެކަމުގައި ގޯހެއް އުޅޭ ކަމުގައިވަންޏާ އަދި އެއްވެސް ނުފޫޒެއް އޮންނަންޏާ އެކަންކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރާނަން،" ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، ކުރިއަށް މިއޮތް ދެ ހަފުތާއެއްހާ ދުވަސްތެރޭގައި އެ މައްސަލަތަކުގެ ތަހުގީގު ހިނގައިދިޔަ ގޮތް ބަލައި ކޮންމެވެސް ވަރެއްގެ ފިޔަވަޅުތަކެއް އެޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވިއިރު މިފަހުން ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެން މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުނުކޮށް ދޫކޮށްލާފައިވަނީ ނުފޫޒު ބޭނުންކޮށްގެން ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.