ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުގެ ގެ ޗެކު ކުރަން 24 ގަޑިއިރު ފުލުހުން ތިއްބަސް ފުލުސް ބިލް އިސްލާހު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަންތަކާބެހޭ ކޮމިޓީގައި އޮތް، ދިވެހި ފުލުހުންގެ ހިދުމަގެ ބިލުގެ ފޯރަމް ބައްދަލުވުން މިރޭ މަޖިލީހުގައި އޮތް ކަން އިއުލާން ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ހުރިހާ މެންބަރުންގެ ގެ، 24 ގަޑިއިރު ޗެކް ކުރަން ތިއްބަސް މަޖިލީހުން އެ ބިލު ފާސް ކުރާނެ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ފުލުހުންގެ ބިލުގެ ފޯރަމް މިރޭ ކުރިޔަށްދާނީ 8:30 ން 9:45 އަށް ކަމަށެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް މައުލޫމާތު ދެއްވުމަށާއި، ބައިވެރިން ކުރާ ސުވާލުތަކަށް ޖަވާބުދެއްވަން ޕެނަލްގައި ތިއްބަވާނީ، އެ ކޮމިޓީގެ މެންބަރު، އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ފުލުހުންގެ ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިފޯރަމަކީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމް ޕީއެސްއެމުން ވަގުތުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.