ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ވަކި ވަކިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކި އެކި ކަންކަން ރެއިޑް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެގޮތަށް މަޖިލިސް މެންބަރުންގެ ގެކޮޅަށް ވިޔަސް އަދި ސއިކަލަށް ވިޔަސް އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުސް އޮފީހުގެ ހަމަތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގެ ބަލައި ޗެކް ކުރުމުގެ ވިސްނުމުގައި އެއްވެސް މަސައްކަތެއް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"މިދެންނެވި ގޮތަށް މަޖިލިސް މެންބަރުންގެ ގެ ކޮޅަށް ވިޔަސް، ސައިކަލަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް ފުލުހުންގެ އޮފީހުގެ ހަމަތަކާއި ހިލާފަށް ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޗެކްކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގެ ބަލައިފާސް ކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ، އެވެނިކަމެއް މިވެނިކަމެއް ކުރަން އެ ވިސްނުމުގައި އެއްވެސް ފުލުހެއް މަސައްކަތް ނުހުރުމަށް ދަންނަވަން އެދެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ މައްސަލައާއި ފުލުހުންގެ ބިލާ ގުޅުމެއް ހުރެދާނެކަމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަޖިލީހުން ފުލުހުންގެ ބިލުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެބިލުގެ ސަބަބުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ ކަމަށާއި، ހެޔޮ އިސްލާހު އެ މުއައްސަސާއަށް އަންނާނެ ކަމަށްވެސް ވިދޅާވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެންމެން ވެސް އެދެނީ މިރާއްޖޭގައި ރަނގަޅު ފުލުހުންގެ މުއައްސަސާއެއް އޮތުމަށް ކަމަށެވެ.