ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ، އަނބިން، ފިރިން ނުވަތަ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތަށް، މަޖިލިސް މެންބަރުންގެ މާލީ ބަޔާން ޝާއިއު ކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން މިއަދު ފާސްކޮށްފިއެވެ.

އެ ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އާއި (ރ) އަށް ބަދަލުގެނެސްގެންނެވެ.

އެ މާއްދާގެ (ހ) ގައި މިހާރު ބުނަނީ، މަޖިލިސް މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާއްމަށް ހުށަަހަޅަން ވާނެ ކަމަށެވެ. އަދި (ރ) ގައި ބުނަނީ މަޖިލިސް މެންބަރެއްގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން، އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

އެ މާއްދާގެ (ހ) އަށް މަޖިލީހުން ގެންނަން ފާސް ކުރި އިސްލާހުގައި ބުނެފައިވަނީ، މަޖިލިސް މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާއްމަށް ހުށަަހަޅަންވާނެ ކަމަށެވެ. އަދި (ރ) އަށް ގެންނަން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، (ހ) ގެ ދަށުން ހުށަހަޅާ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިން / ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާންތައް މަޖިލީހުގެ އަމީންއާންމަށް ހުށަހެޅުމުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭ ގޮތަށް އެމްޑީޕީގެ ޗެއާޕަސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުވެސް މިއަދު ވަނީ ފާސްކޮށްފައެވެ.

މި ހުރިހާ އިސްލާހެއް މަޖިލީހުން ފާސްކުރީ 65 މންބަރުން ވޯޓު ދެއްވައިގެންނެވެ.