ސާބިއާގެ ހޯމް މިނިސްޓަރާ އެކު 10 ކިލޯމީޓަރު ދުވެވަޑައިގަތުމަށް، އެމަނިކުފާނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކޮސޯވޯގެ މިނިވަންކަން ރާއްޖޭން ގަބޫލުކުރުމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އިސް އޮފިޝަލުންތަކެއް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮސޯވޯގެ ވާދަވެރި ސާބިއާގެ ހޯމް މިނިސްޓަރު ދާދި ފަހުން މަޖިލީހަށް ބަޑައިގެން އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅާއާއެކު 10 ކިލޯމީޓަރުދުވުމަށް ވައުދު ވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ކަންތައް ދިމާވީ، އެ ރޭސް ދުވުމަށް ކަންކަން ހަމަޖެހިފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

"ސާބިއާގެ ހޯމް މިނިސްޓަރު ދާދި ފަހުން މި މަޖިލީހަށް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލުކުރައްވައި ހައްދަވާފައި ވަޑައިގެންނެވީ. އަދި އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑު އަޅުގަނޑުމެން ދެ މީހުން އެބޭފުޅާއަށް ވައުދުވިން، އެބޭފުޅާއާ އެކީގައި މަދުވެގެން 10 ކިލޯމީޓަރުދުވުމަށް. އަދި އަޅުގަނޑުމެން އެ ރޭސް ދުވަންވެގެން ކަންކަން ހަމަޖެހިފައި ވަނިކޮށް ކޮވިޑްގެ މައްސަލަ އަޅުގަނޑުމެންނަށް ދިމާވީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮސޯވޯގެ މައްސަލައާ ގުޅިގެން ހުށަހެޅި ގަރާރު ވަނީ މަޖިލީހުން ބޭރު ކޮށްލައިފައެވެ.