ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ކޮސޯވޯގެ މިނިވަންކަން ރާއްޖޭން ގަބޫލުކުރުމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އާއި އިސް އޮފިޝަލުންތަކެއް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލަ ބަލައި އެކަމުގެ ހަގީގަތް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރާނެ މެންބަރަކު ނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.
މި ގަރާރު ހުށަހަޅައި ބަހުސަށް ހުޅުވައިލުމުން އެއްވެސް މެންބަރަކު ގަރާރަށް ވާހަކަ ދައްކަން ފުރުސަތަކަށް ނޭދުނެވެ.
އެހެންކަމުން މަޖިލިސް ރައީސް ނިންމެވީ އެ ގަރާރަށް ފަހު ބަސް ވިދާޅުވާން ނަޝީދަށް ފުރުސަތު ދެއްވުމަށެވެ.
އެ ފުރުސަތުގައި އޭނާ ވިދާޅުވީ ފަހު ބަސް ބުނަން ބޭނުން ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ މައްސަލައަކަށް އެމްޑީޕީގެ މެންބަރުންނަށް ބަހުސް ކުރަން ނުކުރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންނާއި، ނަޝިދާ ދެމެދު ބަހުގެ ހަމަލާތަކެއް ކުރިއަށް ގޮސް ކޮންމެސް ވަރަކަށް މަޖިލިސް ހޫނުވެގެންދިޔައެވެ.
ނަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ކޮސޯވޯ އަކީ ވަކި ދައުލަތެއްގެ ގޮތުގައި 2008 ފެބްރުއަރީ 17 ވަނަ ދުވަހު އެގައުމުން އަމިއްލަޔަށް އިއުލާންކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް އައިރު ވެސް އެކަމަކީ އޭގެ ގާނޫނީ ސައްހަ ކަމާމެދު ބައިނަލް އަގުވާމީ މުޖުތަމައުގައި ބަހުސް ކުރެވެމުން އަންނަ ސީރިއަސް މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ އަވަށްޓެރި ދެގައުމު ކަމުގައިވާ އިންޑިއާ އާއި ސްރީލަންކާގެ ފަރާތުން ވެސް ކޮސޯވޯގެ މިނވަންކަން ބަލައިގެންފައި ނުވާއިރު، އިގްތިސާދީގޮތުން ރާއްޖޭގެ އެންމެ ޒަމާންވީ އެއް ބައިވެރިޔާ، ޗައިނާއިންވެސް ބަލައިގެންފައި ނުވާކަމަށް ބުނެފައި ވެއެވެ.
މި މައްސަލަކީ އދ. ގައިވެސް ބަހުސް ކުރެވެމުން އަންނަ، އެހެން ނަމަވެސް ވަކި ގޮތަކަށް ނިމިފައި ނުވާ މައްސަލައެއް ކަމަށާއި، ދުސްތޫރީ ގޮތުންނާއި ސަލާމަތީ ކަންކަމުގައި ކޮސޯވޯ ސަރަހައްދު ހިންގުމާއި ރަސްމީކޮށް މިވަގުތު ހަވާލުވެ ތިބީ އދ. އާއި ޔޫރަޕްގެ އިއްތިހާދާއި ނޭޓޯ ކަމަށްްވާއިރު، ބައިނަލް އަގުވާމީ މުޖުތަމައުގައި މިހާ ސީރިއަސް މައްސަލައެއްގައި ދިވެހި ރާއްޖޭގެ ފަރާތުން ކުއްލި ގޮތަަށް ނިންމި މި ނިންމުމަކީ އޭރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ފަރާތް އިސްވެ ހުންނަވައިގެން ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމެވުމެއް ކަމުގައި ކުރެވޭ ތުހުމަތު ތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ރާއްޖޭގެ ފަރާތުން ސާބިޔާގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާކަން އެނގެން ނެތްއިރު، ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރާއި އިސް އޮފިޝަލުންތަކެއް ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައި ވާނަމަ އެކަމުގެ ތެދު ހަގީގަތް ކަށަވަރުކޮށް އެނގުމަކީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ސަމާލުކަމަށް ގެންނަން ޖެހޭ، އަދި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭކަމެއް ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް