ރައްޔިތުންގެ މަޖިލިސް ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި ފަރާތްތައް މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދި ވަޑައގެންފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅިގެން، ކައުންސެލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަމަކަށްދާތީ، ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަމުހަދު ޝިޔާމާއި، އެމްޑީޕީގެ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުމަށްފަހު، މަޖިލީހުގައި ރައްކާތެރިކަމެއް ނެތް ކަމަށްބުނެ އިދިކޮޅުން ވަނި މަޖިލިސް ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންދެއްވުމަށް ވާދަވެރިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން "ތިޔަބޭފުޅުން ސިޔާސީ ސުލްހަވެރި ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން އެދިވަޑައިގަންނާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ކަމަށްވެސް ވިދާޅުވިއެވެ. މަޖިލިސް ޖަލްސާތަގުގައި ބައިވެރިވުމަށް މަޖިލިސް ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް މީގެ ކުރީންވެސް ގޮވާލައްވައިފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ކަން މަޖިލީހުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން މަޖިލިސް ރައީސް މާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ބުނެފައި ވެއެވެ.