ބޭރުގައި އުޅުން ހުއްދަ ވަގުތުތަކުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ބޭރުގައި އުޅެން ހުއްދަ ދީފިއެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މާލޭ ސަހަރައްދުގައި އަދިވެސް ފިޔަވަޅުތައް އަޅައިފައިވާ އިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ބައެއް ލުއިތައް ދީފައިވެއެވެ. އަދި މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ވަނީ ނިންމައިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާއިން ފެށިގެން ފަތިހު 5:00 އިން ރޭގަނޑު 11:00އާ ހަމައަށް ހުއްދަ ނެތި ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބޭރުގައި އުޅެވޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.
"މާދަމާއިން ފެށިގެން ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ފަތިހު 5:00 ރޭގަނޑު 11:00އާ ހަމައަށް ހުއްދައަކާ ނުލައި ބޭރުގައި އުޅެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިން ކަސްރަތު ކުރުމާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ހާއްސަ ވަގުތެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ކުޑަކުދިން ބޭރުގައި އުޅުމަށް ހަމަޖައްސާފައި އޮތީ ހަވީރު 4:00 އިން 6:00 އަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ކަސްރަތުކުރުމަށް ނުކުމެ އުޅެވެއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެއްތަނަކަށް 30 މީހުންނަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން އެއްވެ އުޅެވޭނެ ކަމަށާއި ނަމަވެސް އެގޮތަށް އެއްވެ އުޅޭއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު