މާދަމާ އިން ފެށިގެން 30 މީހުންނަށް ވުރެ މަދު އަދަދެއްގެ މީހުންނަށް އެއްތަނަކަށް އެއްވެ އުޅެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާއިން ފެށިގެން ލޮކްޑައުންއަށް ދޭ ލުއިތަކާއެކު 30 މީހުންނަށް ވުރެ ގިނަ ނުވާހެން އެއްވެ އުޅެވޭނެ ކަމަށެވެ.

"30 މީހުންނަށް ވުރެ ގިނަ ނުވާނެހެން މީހުންނަށް އެއްތަނަކަށް އެއްވެ އުޅެވިދާނެ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެގޮތަށް އެއްވެ އުޅޭއިރުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނަށް އަމަލުކުރަން ޖެހޭނެ ކަމަށާއި އެގޮތުން ބަންދުކޮށްފައިވާ ތަނެއްނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.

30 މީހުންނަށް ވުރެ ގިނަ ނުވާނެހެން އެއްވެ އުޅުމުގެ ހުއްދަ ދިންއިރު މާދަމާއިން ފެށިގެން ހުއްދައަކާ ނުލައި ރޭގަނޑު 11:00އާ ހަމައަށް ބޭރުގައިވެސް އުޅެވޭނެއެވެ. އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުގެ ހިދުމަތް ރޭގަނޑު 10:00އާ ހަމައަށް ދެވިގެންދާނެއެވެ.