ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެ، ރޭޕް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން "ވަން" އަށް ބުނީ، ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއް ޖެންޑާ މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިއީ ކުޑަކުއްޖަކު ރޭޕްކޮށް، ބަލިވެ އިނދެގެން ފުލުހުންނަށް މިއަދު ހުށަހެޅި ދެވަނަ މައްސަލައެވެ. އެގޮތުން ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ބެލުމަށް ފުލުހުންގެ ޓީމަށް އެ ހާދިސާ ހިނގި ރަށަށް މިހާރު ވަނީ ދަތުރު ފަށައިފައެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރާ މި އަންހެން ކުއްޖާ އަކީ ނަފުސާނީ މައްސަލަވެސް ހުންނަ ކުއްޖެކެވެ. އެ ކުއްޖާ ބަލިވެ އިން ކަން އެނގުނީ ހޮޑުލާތީ، އަތޮޅުގެ ވެރިކަންކުރާ ރަށުގެ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރުމުންނެވެ. މި ކުއްޖާއާ ޖިންސީ ގުޅުން ހިންގާފައި ވަނީ އޭނާ ދައްތަގެ ފިރިމީހާ ކަމަށް ވެސް އެ ކުއްޖާ ނިސްބަތްވާ ރަށު ތެރޭގައި ވަނީ ވާހަކަ ފެތުރިފަ އެވެ.

އެ ކުއްޖާ ނިސްބަތްވާ ރަށާއި އެހެނިހެން މައުލޫމާތުތައް ވަން އަށް ކަށަވަރުވެފައި ވީ ނަމަވެސް އެ މައުލޫމާތު މި ހަބަރުގައި ހިމަނާފައި ނުވަނީ އެ ކުއްޖާގެ ކަރާމާތަށްޓަކަ އެވެ.