މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފެމިލީ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު ރިޕޯޓްގައި ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން 27 މައްސަލައެއް ރިޕޯޓް ކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލައެވެ.

ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން 24 މައްސަލައެއް ރިޕޯޓްކޮށްފައިވާ އިރު، ހަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ގޮތުން އިހުމާލުވުމުގެ ނުވަ މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފަސް މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.

އަދި ކުޑަކުދިންގެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތަކާ ގުޅޭ ދެ މައްސަލަ، ކުޑަކުދިން ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ އެއް މައްސަލަ އާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ ވަނީ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ.

ކުދިންގެ އަހުލާގީ ގިނަ މައްސަލަތަކެއް ވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ ހަ މައްސަލައަކާއި ސްކޫލަށްދާން ބޭނުން ނުވުމުގެ ހަ މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ ފަސް މައްސަލައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 57 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާ އިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، 31 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 29 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ ދެ މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން 13 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 13 މައްސަލައެވެ.

އޭގެ ތެރޭގައި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތިން މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ ތިން މައްސަލަ، ބްލެކްމެއިލް ކުރުމުގެ ތިން މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ އެއް މައްސަލަ، މެރިޓަލް ރޭޕްގެ އެއް މައްސަލަ، ފާރަލުމުގެ އެއް މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލައެވެ.