ކުއްލި ޚަބަރު

ގުރުއާން ކުލާސްތަކާއި ޕްރީސްކޫލްތަކަށް ފައިސާގެ އެހީދޭން ނިންމައި ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ގުރުއާން ކުލާސްތަކުގެ އިތުރުން އަމިއްލަ ޕްރީސްކޫލުތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ކޮވިޑް 19 އާއި ގުޅިގެން ފައިސާގެ އެހީތެރިކަން ދޭން ނިންމައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފައިސާގެ އެހީ ބޭނުންވާ ގުރުއާން ކުލާސްތަކާއި، އަމިއްލަ ޕްރީސްކޫލުތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކުން އެކަމަށް އެދި މިނިސްޓްރީއަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރީން ހުށަހަޅަން ވާނެ ކަމަށެވެ.

އެގޮތުން "ޕްރީސްކޫލުތަކާއި ގުރުއާން ކުލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލު" ގައި ކޮވިޑާއި ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދިނުމަށް ހަަމަޖެހިިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް، އަދި ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ މިންވަރު ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ ފައިސާގެ އެހީއަށް އެދި ހުށަހެޅުމަށް ފުރަން ޖެހޭ ފޯމު http://www.moe.gov.mv/ އިން ލިބޭނެ ކަމަށް ބުނެފައެވެ. އަދި މި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހު 15ވަ ބުދަ ދުވަހުގެ 12:00 ކަމަށް މިނިސްޓްރީން ބުނެއެވެ. ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ސޮފްޓް އަދި ޕީޑީއެފް ފޯމެޓަށް ފޮނުވަން ޖެހޭނީ މިނިސްޓްރީގެ މެއިލް، [email protected] އަށް ކަމަށް އެޑިއުކޭޝަަން މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅެ އިތުރު މައުލޫމާތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގް އެންޑް އިސާޗް ޑިވިޝަންގެ ނަންބަރު 7745484 އަށް ގުޅައިގެން ސާފު ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮވިޑް 19 އާއި ގުޅިގެން މާލީ ދަތިތަކާ ދިމާވެފައިވާ ގުރުއާން ކުލާސްތަކާއި، އަމިއްލަ ޕްރީސްކޫލުތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ފައިސާގެ އެހީ ދިނުމުގެ ގޮތުން ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.