ރައްޔިތުންގެ މަޖިލިސް

ގުޅިފަޅުން ހިއްކާ ސަރަހައްދުން 6000 ހައުސިން ޔުނިޓަށް ބިން ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ފާސްކޮށްފި

އިބްރާހިމް ޒަކީ

މާލޭ ޕޯޓު ބަދަލު ކުރުމަށްޓަކައި، ގުޅިފަޅުން އަލަށް ހިއްކަމުން އަންނަ ސަރަހައްދު އިގްތިސާދީ ކަންކަމަށް ހާއްސަ ކުރުމުގެ ބަދަލުގައި، މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން، ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ސަރުކާރަށް އެކަން ހުށަހެޅުމަށް ފާސްކުރީ، ގުޅިފަޅު ހިއްކަމުންދާ މައްސަލައާ ގުޅިގެން ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކެއް ބަލައި މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ސަރުކާރަށް ހުށަހަޅަން ނިންމި ރެކޮމެންޑޭޝަން ތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

އެ ހުށަހެޅުމާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ކޮމިޓީ ރިޕޯޓް ފާސްކުރީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މާލެ ތޮއް ޖެހިފައިވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އެހެން އެކަން އޮތްއިރު ގުޅިފަޅުން ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް އެކަނި ހާއްސަ ކުރުމުގެ ބަދަލުގައި އެ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުންވެސް ރިޕޯޓްގައި ގިނަ ކަންތައްތަކެއް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި އެ މަސައްކަތްތަކާ ގުޅިގެން ތިމާވެއްޓަށް ގެއްލުން ލިބުން ކުޑަ ކުރުމަށްޓަކައި އީޕީއޭއިން އަންގާ ފިޔަވަޅުތައް މަޝްރޫއު ހިންގާ ފަރާތުން އަޅަމުން ގެންދޭތޯ ބެލުމަށްޓަކައި ކަމާބެހޭ ފަރާތްތައް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވައިލުމަށާއި ހަފުތާއަކު އެއްފަހަރު ކޮމިޓީގެ ބައްދަލުވުންތައް ބާއްވަން ވެސް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން އެކަމުގެ ސަބަބުން ވިލިމާލޭ ފަރަށް ލިބޭ ގެއްލުންތައް ކޮންމެ ދުވަހަކު ބަލައި، އާންމު ކުރުމުގެ އިތުރެން އެކަމާބެހޭ ރިޕޯޓެއް ކޮންމެ ހަފުތާއަކު އީޕީއޭއިން އާންމު ކުރުމަށާއި، އެކަމާ ބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުކުރުމަށްވެސް ރިޕޯޓްގައި ވަނީ ހުށަހަޅައިފައެވެ.