މާދަމާ އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ހުޅުވައި، ކެފޭ އަދި ރެސްޓޯރެންޓުތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

އެކަން އާންމުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19ގެ ކަންކަން މެނޭޖްކުރަމުން އަންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ އޮޕަރޭޝަންތައް މާދަމާ އިން ފެށިގެން ހުއްޓާލާނެ ކަމަށެވެ.

އޭގެ އިތުރުން އާ އާންމު ހާލަތުގައި ސަރުކާރުގެ އޮފީސްތައް ހުޅުވައި، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތައް މާދަމާއިން ފެށިގެން އޮޕަރޭޝަނަށް ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޓުވީޓުގައި ކޮވިޑުގެ ވަބާގައި އެންމެ ގޯސް ހާލަތަށް ނުދިއުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެއްވި ހެލްތުކެއާ ފްރޮފެޝަނަލުންނާއި އެކިއެކި ސަރުކާރުގެ އިދާރާތަކާއި ދަރުމަވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.

ލޮކްޑައުންގެ ލުއިތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިމަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވެސް ވަނީ، ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތްދޭ ގޮތަށް ޖުލައި މަހު ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރެސްޓޯރެންޓްތަކުގައި ގޮސް ތިބެގެން ހިދުމަތް ހޯދުމުގެ ހުއްދަ ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތަކުގައި މާދަމާއިން ފެށިގެން ކިޔަވައިދޭން ފަށާއިރު މާލޭގެ ސްކޫލްތަކުގައި ގްރޭޑް 9 އަކުން މަތީގެ ގުރޭޑްތަކަށް ވެސް ކިޔަވައިދޭން ފަށާނެއެވެ.