ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 14ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުއްދަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެފަހަރު މުއްދަތު އިތުރުކުރީ މިއަދުގެ ނިޔަލަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަހަރުގެ މާޗް 12 އިން ފެށިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 14 ޖުލައިގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.
މިމަހުން ފެށިގެން ގިނަ ލުއިތަކެއް ދީފައިވާ އިރު، މިހާރު ރާއްޖެއިން ބަލި ފެންނަ އަދަދު ވެސް މަދެވެ. ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް 2337 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން 1927 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 397 މީހެކެވެ. އަދި ބަލީގައި އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު