ރޭޕްކުރުމާ ދެކޮޅަށް މާލޭގައި މިއަދު ކުރި މުޒާހަރާގައި ހަތަރު މީހަކު ހައްޔަރުކޮށް ފަސް މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފިއެވެ.

މިއަދު ހަވީރު 4:30 ހާއިރު ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިޔާ ބުނީ، މިހާރު މުޒާހަރާ ނިންމާލައިފައިވާ ކަމަށެވެ. އަދި މުޒާހަރާ ނިންމާލި ވަގުތު މީހަކު ހައްޔަރު ކުރި ކަމަށާއި އެމީހާ ހައްޔަރުކުރުމަށް ހުރަސް އެޅި ފަސް މީހެއްގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި ކަމަށެވެ.

ފުރަތަމަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިތާ އިރުކޮޅެއް ފަހުން އިތުރު ތިން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެނގިފައިވާ ގޮތުގައި އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މައުލޫމާތު ނެގުމަށެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ޕޭޕާ ސްޕްރޭގެ ސަބަބުން އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު ކުރި މުޒާހަރާއަކީ ވޮއިސް އޮފް ޗިލްރަންގެ ނަމުގައި ޓުވިޓާ އެކައުންޓެއް ހިންގާ އާންމުންގެ ބަޔަކު ރާވާފައިވާ މުޒާހަރާއެކެވެ. މި މުޒާހަރާއަކީ މި ދުވަސްކޮޅު ރާއްޖޭގައި ރޭޕްގެ މައްސަލަތަކުގެ އިތުރުން، ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި އިންސާފު ނުލިބި ހިނގައިދާނެ ކަމަށް ބުނެ ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.

އެގޮތުން މި މުޒާހަރާގެ ބައިވެރިން ވަނީ ރޭޕް ކުރުން ހުއްޓައިލުމަށް ގޮވާލައިފައެވެ. ރޭޕްގެ އެތައް މައްސަލަތަކެއް ފެންމަތިވެ، އަނިޔާ ލިބޭ މީހުންނަށް އިންސާފު ނުލިބޭ ކަމަށާއި އެކަމަށް ޒިންމާވާނީ ކާކުތޯ މުޒާހަރާގެ ބައިވެރީން ވަނީ ސުވާލުކޮށްފައެވެ. ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް އަވަސް ކުރުމަށް ގޮވާލައި އަދުލު އިންސާފު ގާއިމު ކުރުމަށާއި ފުލުހުންގެ ޒިންމާ އަދާކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލައިފައިވެއެވެ.