މާލޭ ޕޯޓު ބަދަލު ކުރުމަށްޓަކައި، ގުޅިފަޅުން އަލަށް ހިއްކަމުން އަންނަ ސަރަހައްދު އިގްތިސާދީ ކަންކަމަށް ހާސަ ކުރުމުގެ ބަދަލުގައި، މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ސަރުކާރަށް ހުށަހެޅި ރިޕޯޓަށް ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ރިޕޯޓް ހުށަހެޅުއްވީ އެންވަޔަރްމަންޓް ކޮމިޓީގެ މުގައްރިރު ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ކޮމިޓީން މިގޮތަށް ހުށހަޅާފައިވަނީ، ގުޅިފަޅު ހިއްކަމުންދިއުމާ ގުޅިގެން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށްބުނެ އެ ކޮމިޓީއަށް ހުށަހެޅި މައްސަލަތަކަށް ބަލައި އެކުލަވައިލި ރިޕޯޓުގައެވެ.

މާލެ ތޮއްޖެހިފައިވާކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ އެހެން އެކަން އޮތްއިރު ގުޅިފަޅުން ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް އެކަނި ހާއްސަ ކުރުމުގެ ބަދަލުގައި އެ ބިމުގެ 15 ޕަސެންޓު ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށެވެ.

އެގޮތުން މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ކޮމިޓީ ރިޕޯޓްގައި ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުންވެސް ކޮމެޓީ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި އެ މަސައްކަތްތަކާ ގުޅިގެން ތިމާވެއްޓަށް ގެއްލުން ލިބުން ކުޑަ ކުރުމަށްޓަކައި އީޕީއޭއިން އަންގާ ފިޔަވަޅުތައް މަޝްރޫއު ހިންގާ ފަރާތުން އަޅަމުން ގެންދޭތޯ ބެލުމަށްޓަކައި ކަމާބެހޭ ފަރާތްތައް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވައިލުމަށާއި ހަފުތާއަކު އެއްފަހަރު ކޮމިޓީގެ ބައްދަލުވުންތައް ބާއްވަން ވެސް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން އެކަމުގެ ސަބަބުން ވިލިމާލޭ ފަރަށް ލިބޭ ގެއްލުންތައް ކޮންމެ ދުވަހަކު ބަލައި، އާންމު ކުރުމުގެ އިތުރެން އެކަމާބެހޭ ރިޕޯޓެއް ކޮންމެ ހަފުތާއަކު އީޕީއޭއިން އާންމު ކުރުމަށާއި، އެކަމާ ބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުކުރުމަށްވެސް ކޮމިޓީގެ ރިޕޯޓްގައި ވަނީ ހުށަހަޅައިފައެވެ.